English Edition
Dhivehi Edition
ރޭގެ މެޗުގައި އާސެނަލްގެ ދެވަނަ ލަނޑުޖެހުމަށްފަހު އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޯބަމަޔަން އުފާ ފާޅުކުރަނީ. --ފޮޓޯ: ޑީޕީއޭ

އިނގިރޭސި އެފްއޭކަޕްގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް އާސެނަލުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އާސެނަލުން ފައިނަލަށް ދަތުރުކުރި 21 ވަނަ ފަހަރެވެ. މިއާއެކު މި މުބާރާތުގެ ފައިނަލްގައި އެންމެ ގިނައިން ކުޅުމުގެ ރެކޯޑް އޮތީވެސް އެ ޓީމު އަތުގައެވެ. އާސެނަލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފައެވެ.

ރޭގެ މެޗަށް އާސެނަލުން ނިކުތީ ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެމްޕިއަން ލިވަޕޫލް އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ކުރީ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު ރޮބް ހޯލްޑިން، ލޫކަސް ޓޮރޭރާ، ސެޑްރިކް ސޮއަރޭސް އަދި ރީސް ނެލްސަންގެ އިތުރުން ބުކާޔޯ ސާކާގެ ބަދަލުގައި އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ޝްކޮޑްރަން މުސްތާފީ، ޑެނީ ސެބަޔޯސް، ހެކްޓަ ބެލަރީން އަދި އައިންސްލީ މެޓްލަން ނައިލްސްގެ އިތުރުން ޕިއޭ-އެމެރިކް އޯބަމަޔަން ފުރަތަމަ އެގާރައިގައި ހިމަނާފައިވެއެވެ.

އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް ސިޓީން ފޮނުވާލާފައިވާއިރު، އާސެނަލުން ދިޔައީ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރަމުންނެވެ. ރޭގެ މެޗުގައި އާސެނަލުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އޯބަމަޔަން އެވެ. އެގޮތުން، މެޗުގެ 19 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހަކުން އޯބަމަޔަން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ދަނޑީގައިޖެހިފައެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަތްއިރު ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް ހުރީ ހަރަކާތްކުރަންވެސް ނޭނގިފައެވެ.

އާސެނަލުން ޖެހި ދެވަނަ ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ސްކޮޓްލަންޑް ފުލްބެކް ކިއެރަން ޓިއާނީ ތަނަވަސްކުރި ފުރުޞަތަކުން އޯބަމަޔަން ކާމިޔާބުކުރިއިރު، އޭނާ ހުއްޓުވަން ސިޓީގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް މާބޮޑު ކަމެއް ނުކުރެވުނެވެ. މިއީ މި ސީޒަނުގައި އޯބަމަޔަން ކުޅުނު 41 މެޗުގައި ޖެހި 25 ވަނަ ގޯލެވެ.

މި މުބާރާތުގައި މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ލީގުގައި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ވެމްބްލީގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 22:00 ގައެވެ.