English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 07:00 އިން ފެށިގެން 12:00 އާއި ހަމައަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.

މީގެ އިތުރުން އެ ސަރަޙައްދުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށާއި، ކަނޑުތައް ގަދަވުމާއެކު، ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މީގެ އިތުރުން ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ފ. އަތޮޅުން އައްޑޫ ސިޓީއާއި ދެމެދަށް އިތުރު ހުދު ސަމާލެއްވެސް ނެރެފައެވެ. މި ހުދު ސަމާލު ނެރެފައި ވަނީ މިއަދު 09:00 އިން 14:00 އަށެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރޭ 8:00 އިން މާދަމާ މިރޭ 8:00 އަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އަދި ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމަކީ އެކަށީގެން ވާ ކަމެއް ކަމަށްވެސް ލަފާކޮށްފައި ވެއެވެ.