ރާއްޖެއިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 13 ދިވެހިންނާއި، 03 ބަންގްލަދޭޝްގެ މީހުންގެ އިތުރުން ސްރީލަންކާގެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެވެސް 14 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2،930 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1،360 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 66,606 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 21 މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 433 މީހުންނެވެ.