ނަޒާހަތްތެރިކަމަށް ފުށު އަރާ އެއްވެސް ޢަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ. ޝަރީފް މިހެން ވިދާޅުވީ ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބުގައެވެ.
އެ ޚިތާބުގައި ޝަރީﷲް ވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާއެކު، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިތިބުމަށް ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފަ އެވެ.
މީގެ އިތުރުން އެ ޚިތާބުގައި ޝަރީފް ވަނީ ކޮވިޑް-19 އާ ގުޅިގެން ފެތުރިފައިވާ ބިރުވެރިކަމާ އެކުވެސް ރާއްޖޭގެ ދޮރޯށި ބެލެހެއްޓުމުގައި ކަސްޓަމްސްގެ އޮފިސަރުން ސާބިތުކަމާއެކު ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަންކަމުގައި ބައިވެރިވެވަޑައިގެންނެވި އޮފިސަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ކަސްޓަމްސްގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ޢާއިލާތަކާ ވަކިން، އެކަހެރިވެ ތިބެ މަސައްކަތް ކުރެއްވި އޮފިސަރުންނަށާއި، ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވި އޮފިސަރުންނަށާއި، ރާއްޖެއަށް އަންނަ އަދި ފުރާ ފަސިންޖަރުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރެއްވި އޮފިސަރުންގެ އިތުރުން ވޮލަންޓިއަރުންގެ ގޮތުގައި އެންއީއޯސީގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވި ކަސްޓަމްސްގެ އޮފިސަރުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެ އޮފިސަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލު ކޮށްފައި ވެއެވެ.