English Edition
Dhivehi Edition
އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް)ގެ ފުރަތަމަ ޝިޕިން ބޯޓު - ފޮޓޯ: ސަން

ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން ރަޖިސްޓްރީވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ. އަދި 16 އޮގަސްޓު 2020 ވަނަދުވަހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި، ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް އެ އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ޝިޕިންގ އެޖެންސީގެ ޚިދުމަތް ކަގަމުގައި ބަލާނެކަންކަން ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭންވާނީ ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެ ޤަވާއިދުގެ ދަށުން ރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާގޮތުނަނާއި ނުސީދާގޮތުންވިއަސް ކޮންސައިނީގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. އެވެ.

އަދި އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޤަވާއިދާ ޚިލާފުވާ ފަރާތްތައް 10،000ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.