English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ އިދާރާ - ފޮޓޯ: ދި އެޑިޝަން

އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

އެ ބައްދަލުވުން އޮންނާނީ ޖުލައި 19 ވާ އާދިއްތަ ދުވަހުގެ 20:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަތަރުވަނަ ފަންގިފިލާގައެވެ.

އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އެވެ. މި ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މި ބިލުގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރޭ ޤަރާރު 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުން ނުދާ ވަގުތެއްނަމަ، ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި މަޖިލިސް އެއްކޮށް އެ ޤަރާރު ފާސްކުރުމަށް މަޖިލީހަށް ހުށަހަޅަންވާނެ އެވެ.

މީގެ އިތުރުން މި ބިލުގައިވާ ގޮތުން ޤަރާރުގެ ވަކި ބައެއް ނުވަތަ މުޅި ޤަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޤަރާރުގެ މުއްދަތު އިތުރުކުރުމާއި، ޤަރާރު ބާތިލްކުރުން އަދި ޤަރާރަށް ބަދަލު ގެނައުމުގެ ބާރުވެސް މަޖިލީހަށް ލިބިގެންވެއެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރުގައިވާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޙާލަތު ދެމެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލަށް ފެނިގެން ވަޒީރަށް ލަފާދީފިނަމަ، އެ ޤަރާރުގެ މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރުކުރަން ފާސްކުރަން ވާނެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާއިރު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އެ ޙާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ، އެ ޙާލަތު އިޢުލާންކުރި ޤަރާރާމެދުވެސް ޢަމަލުކުރަންޖެހޭނީ ބިލުގައިވާ ގޮތަށެވެ.

މި ބިލު ހުށަހެޅި މަޤްޞަދެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގައި މިހާރަށްވުރެ ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭ ގޮތް އިންތިޒާމް ކުރުމަށާއި، އަދި މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް އިތުރަށް މިހާރަށް ވުރެ ބޮޑަށް ސާފުކުރުމުގެ ގޮތުން ކަމަށެވެ.