ކުރިއަށް އޮތް ސީޒަނަށް ސްޕެއިނުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ބޮޑު އަގުގައި ކުޅުންތެރިން ނުގެންނާނެކަމަށް އެ ޓީމުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.
ރެއާލްގެ ރައީސް ޕެރޭޒް މިހެން ބުނެފައިވަނީ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 އިން މޮޅުވެ، އެ ޓީމުން 34 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކުރުމާއެކު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.
އެގޮތުން، ރޭގެ މެޗަށްފަހު ރެއާލުން އަންނަ ސީޒަނަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ގެނެސްދާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން ޕެރޭޒް ބުނީ މާލީގޮތުން ކޮވިޑް-19ގެ ސަބަބުން މިހާރު އޮތް ހާލަތަށް ބާލައިރު، ބޮޑު އަގުގައި ކުޅުންތެރިން ގެނެވެން ނެތް ކަމަށެވެ. އެކަމަކު، ހާލަތު ރަނގަޅުވުމުން ކުރިއެކޭ އެއްގޮތަށް ކުޅުންތެރިން ގެންނާނެ ކަމަށެވެ.
“މިހާރުގެ ހާލަތަށް ބަލާއިރު، ކުޅުންތެރިންގެ ގާތުގައި މުސާރަ ކުޑަކުރަން ބުނެފައި، ބޮޑު އަގުގައި ކުޅުންތެރިން ގެނައުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެކަމަކު، ހާލަތު ބަދަލުވުމުން މޮޅު ކުޅުންތެރިން ގެންނާނަން.” ޕެރޭޒް ބުންޏެވެ.
ޕެރޭޒް އިތުރަށް ބުނީ މި އަހަރަކީ ހުރިހާ ގޮތަކުން ވެސް ރެއާލަށް މާލީ ގޮތުން ގިނަ ގެއްލުންތަކެއް ކުރިމަތިވީ އަހަރެއް ކަމަށާއި، ހާއްސަކޮށް ސްޓޭޑިއަމުން ލިބެމުންއައި އާމްދަނީ މަދުވިކަމަށެވެ. މި ހާލަތުގައި ރެއާލަށް މާލީގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުޅުންތެރިންގެ މުސާރަ ކުޑަކޮށް، ފެނުނު އެއްބައިވަންތަކަމަށް ޝުކުރުވެރިވާ ކަމަށް ވެސް ޕެރޭޒް ބުންޏެވެ.
“މި ދަތި، އުނދަގޫ ދަނޑިވަޅުގައި ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަކީ ކްލަބު ހިންގުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަން، އެހެންނޫންނަމަ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނީސް. އެކަމަށް ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،”
“އަހަރެމެންގެ ސްޓޭޑިއަމުން ލިބޭ އާމްދަނީގެ 25 އިންސައްތައާ ގާތްކުރާ ވަރަށް ގެއްލުންވި. އެހެން ޓީމުތަކުން ޓީވީ ރައިޓްސް އިން ލިބޭ އާމްދަނީ އިން މާލީ ހިސާބުތައް ހަމަޖައްސާއިރު، ރެއާލާއި، ބާސެލޯނާގެ އިތުރުން އެތުލެޓިކޯ މެޑްރިޑަށް ލިބޭ އާމްދަނީގެ ބޮޑުބަޔަކީ ސްޓޭޑިއަމުން ލިބޭ ފައިސާ.” ޕެރޭޒް ބުންޏެވެ
މީގެއިތުރުން، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ މުސްތަގުބަލާ ގުޅޭގޮތުން ޕެރޭޒް ބުނީ ޓީމު ދޫކޮށް އޭނާ ނުދާނެ ކަމަށާއި ކެރިއަރު އެއްކޮށް ހޭދަކުރާނީ އެ ކްލަބުގައި ކަމަށެވެ. މިކަމާ ގުޅޭގޮތުން ރާމޯސް ބުނީ ރައީސް ޕެރޭޒް ބޭނުންވާނަމަ އެ ކްލަބުގައި މަޑުކުރާނެ ކަމަށާއި، ޓީމުގައި ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި އޭނާ ކުޅުން ހުއްޓާލަން ބޭނުންވަނީ ރެއާލްގައި ހުރެގެން ކަމަށްވެސް ރާމޯސް ބުންޏެވެ.