ކުރިއަށް އޮތް ސީޒަނަށް ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ މިވަގުތު ރަނގަޅު ހާލަތެއްގައި އޮތްއިރު، ލެސްޓާ ސިޓީ އަށް ލީގުގެ ފަހުކޮޅަށް އައިއިރު، ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ލީގުގެ ފަހު ދެ މެޗަށް ކުރިމަތިލާއިރު، ތާވަލްގެ އެންމެ ކުރީގައި އުޅޭ ދެ ޓީމުގެ މަގާމު ކަށަވަރުވެފައިވީނަމަވެސް، އޭގެ ފަހަތުން އޮތް ތިނަކާއި، ހަތަރު ވަނަ މަގާމުގެ ވާދަވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިވަގުތު ލީގުގެ ހަތަރުވަނައިގައި 62 ޕޮއިންޓާއެކު އޮތް ލެސްޓާއާ އޭގެ އެއް ޕޮއިންޓް ކުރީގައި ތިންވަނަ މަގާމުގައި ޗެލްސީ އޮތްއިރު، މި ދެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޔުނައިޓެޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ.
މި ތިން ޓީމުގެ ތެރެއިން މިވަގުތު އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ލެސްޓާ އަށް ކުރިއަށް އޮތް މެޗުތަކުގައި އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ޖޭމްސް މެޑިސަން އާއި ބެން ޗިލްވެލް އަދި ޝަގްލާ ސޮޔުންޗޫގެ އިތުރުން ރިކާޑޯ ޕެރޭރާއާ ނުލައި ކުޅެން ޖެހިފައިވާއިރު، ފޯމުގެ ގޮތުންވެސް މިވަގުތަށް ބަލާއިރު އެ ޓީމު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއްނޫނެވެ. ލީގުގައި އެންމެ ފަހުން 8 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު، ތިން މެޗުން ވަނީ އެއްވަރުވެފައެވެ.
“މެޑިސަން އާއި ޗިލްވެލް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި ސީޒަންގައި ދެން ނުކުޅެވޭނެ، އަދި ފުކްސް އަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ.”
“އަނިޔާގެ ގިނަ މައްސަލަތަކާ ހުރެ ޓީމުގެ ނަސީބު ވަރަށް ދަށްކޮށް އުޅެނީ.” ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުންޏެވެ.
އެކަމަކު، ލީގުގައި މި ހަފްތާގައި ކުޅުނު މެޗުތަކުން ލެސްޓާގެ އިތުރުން ޔުނައިޓެޑާ ޗެލްސީ އިން ވެސް މޮޅުވެފައިވުމަކީ ސީޒަނުގެ ފަހު ބަޔަށްދާއިރު ހުރިހާ ޓީމަކަށް ވެސް ލިބިފައިވާ ބޮޑު ހިތްހަމަޖެހުމެކެވެ. އެގޮތުން، ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިން ލެސްޓާ މޮޅުވިއިރު، ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ހަމަ މި ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ގަދަ ހަތަރަކަށް މި ދެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޗެލްސީ ވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މިހާރު ރެލިގޭޓްވެފައިވާ ނޯވިޗް ސިޓީ އަތުން 1-0 އިން މޮޅުވެފައެވެ.
ބާކީ ހުރިހާ ޓީމަކަށް ވެސް ދެ މެޗު އޮތްއިރު، ޗެލްސީ އަށް އޮތީ ރަށުން ބޭރުގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަމިއްލަ ދަނޑުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ބައްދަލުކުރާ މެޗެވެ. ލެސްޓާ އަށް އޮތީ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާއާ ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ބައްދަލުކުރާ މެޗެވެ. ލެސްޓާ މެޗުގެ ކުރިން ޔުނައިޓެޑަށް އޮތީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ޗެލްސީ އާއި ލެސްޓާ އަދި ޔުނައިޓެޑް މޮޅުވަމުންދާނަމަ މިހާރު އޮތްގޮތުން އެންމެ ފޯރިގަދަވާނީ ލީގު ނިމޭ ދުވަހު ލެސްޓާގެ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.
މުޅި ދުނިޔޭގެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވުމަށްފަހު 2015/2016 ވަނަ އަހަރުގެ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ އިން މި ފަހަރުގެ ސީޒަން ވެސް ފެށިގެން ރީތި ފުޓްބޯޅައާއެކު މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ނަމަވެސް، ކޮވިޑް-19ގެ ފަހުން ލީގުގެ ކުޅުން އަލުން ފެށިގެން އައިއިރު އެ ޓީމުގެ ފޯމު ދަށްވެ، މުހިއްމު ކުޅުންތެރިންނަށް އެކަށީގެންވާ ރަނގަޅު ކުޅުމެއްދެއްކޭގޮތްނުވުމުން އެންމެ ރަނގަޅު ނަތީޖާ ނެރެވިފައެއްނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މިވަގުތަށް ބަލާއިރު އެ ޓީމަށް ވުރެ ތާވަލްގެ ފަހަތުގައި ކުރީން އުޅުނު ޓީމުތަކާ ދެމެދު އޮތް ފަރަގު ވެސް ކުޑަވެ، ޔޫރަޕްގެ ޖާގައެއް ހޯދުމަށް ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަނުޖެހި ސީޒަން ނިންމާލަންޖެހިދާނެކަމުގެ ބިރު އެބައޮތެވެ.
އެކަމަކު، ސީޒަނުގެ ފަހު މެޗުތަކާ އެ ޓީމު ކުރިމަތިލާއިރު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް އޮތްއިރު، އެއް ކުޅުންތެރިއަކަށް ބުރަވެގެން ގިނަ މެޗުތަކުގައި ނަތީޖާ ނުނެރެވިދިޔަ ދުވަސްތައް މާޒީ އާއެކު ނިމި ގޮސްފިއެވެ. އެގޮތުން، އެ ޓީމަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މިވަގުތު ލީގުގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށްދޭ ރަންބޫޓަށް ވާދަކުރާ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޖެމީ ވާޑީ އަށް ލަނޑުނުޖެހޭނަމަ އެ މަގާމު ފޫބައްދާނެ އިތުރު ކުޅުންތެރިއަކު ނެތުމެވެ. ނަމަވެސް. ލީގުގައި އެންމެ ފަހުން ކުޅެވުނު މެޗުގައި މި ސުވާލުތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ވަނީ ލިބިފައެވެ. އެ ޓީމު އެންމެ ފަހުން ޝެފީލްޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ވާޑީގެ ފަރާތުން ގޯލެއް ފެނިފައިނުވީނަމަވެސް، އޭނާގެ ފަރާތުން ގޯލެއް ޖެހުމަށް އެހީތެރިވެދީފައިވެއެވެ.
އެހެންނަމަވެސް، ލެސްޓާ އަށް ކުރިއަށް އޮތް ވަރުގަދަ ދެ މެޗަށް ނިކުންނައިރު އެ ޓީމުގެ ފޯވާޑް ވާޑީ ރަނގަޅު ފޯމެއްގައި ހުރިއިރު، މެދުތެރޭގައި މުހިއްމު ރޯލެއް އަދާކުރި މެޑިސަންގެ އިތުރުން ޑިފެންސްލައިންގެ އެންމެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ސޮޔުންޗޫ އާއި ޗިލްވެލް އަދި ޕެރޭރާ ނެތުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. މި ކުޅުންތެރިންނާ ނުލާ ކޯޗު ރޮޖާސްގެ ޓީމުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އޮތީ ހަނި ފުރުޞަތެކެވެ. ބޮޑު ސުވާލަކީ މި ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ ލެސްޓާ އަށް ގަދަ ހަތަރަކުން ފުރުޞަތު ލިބިދާނެބާ އެވެ؟