މި އަހަރުގެ ދެވަނަ ކުއާޓާގައި ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.2 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަމަށް އެ ގައުމުގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އެކި ގައުމުތަކަށް އިގްތިޞާދީ ގޮތުން ހީނަރުކަން އައިސްފައިވާއިރު، މި އަހަރުގެ ފުރަތަމަ ތިން މަހުގައި ޗައިނާގެ އިގްތިޞާދު ވެސް ވަނީ 6.8 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ 1992 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ އިގްތިޞާދު މިހާ މިހާ ދަށަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
ކޮވިޑް-19ގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ޗައިނާގެ އިގްތިޞާދު ރަނގަޅު ދިމާއަކަށް މިސްރާބުޖަހާފައިވަނީ އެ ގައުމުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖުތަކުގެ ސަބަބުން ކަމަށް ނޭޝަނަލް އޮސްޓްރޭލިއަން ބޭންކް (އެންއޭބީ)ގެ ފޮރިން އެކްސްޗޭންގް ސްޓްރެޓަޖިސްޓް ރޮޑްރިގޯ ކެޓްރިލް ބުންޏެވެ.
“ޗައިނާގެ އިގްތިޞާދު ރަނގަޅުވަމުން މިއަންނަނީ އެ ގައުމުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖުތަކުގެ ސަބަބުން، ކޮންސިއުމަރުން ތިބީ މިކަމަށް ވަރަށް ބޮޑުަށް ސަމާލުވެގެން.” ކޮޓްރިލް ބުންޏެވެ.
މުޅި ދުނިޔެއަަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ގޮތުންނާއި އިގްތިޞާދީގޮތުން ގޮންޖެހުންތައް ކުރިމަތިވި ޗަައިނާގެ ހާލަތު މަޑުމަޑުން މިހާރު ރަނގަޅުވަމުން އަންނައިރު، މިދިޔަ ޑިސެންބަރު މަހު އެ ގައުމުގެ ވޫހާން ސިޓީން ފެނުނު މި ވައިރަހަށް ގާތްގަނޑަކަށް 83,612 މީހުން ޕޮޒިޓިވްވެ، 4،634 މީހުން ވަނީ މަރުވެފައެވެ. އެ ގައުމުގައި މިހާރު ބަލި ކޮންޓްރޯލްކުރެވިފައިވާއިރު، ވޭތުވެދިޔަ ތިން ދުވަހުގައި ބަލިޖެހޭ މީހުންގެ އަދަދު އުޅެނީ 7 އަށްވުރެ ދަށުގައެވެ. އަދި އެ ގައުމުގައި މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންގެ ނިސްބަތް އުޅެނީ 0.5 އިންސައްތަ އަށްވުރެ ދަށުގައެވެ.