English Edition
Dhivehi Edition

 

ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފަށައި އެ ޚިދުމަތް ދޭން ފަށައިފިއެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް އިއްޔެ ފަށާފައިވާއިރު މިއީ ތާރީޚުގައި ފާހަގަ ކޮށްލެވޭނެ މުހިއްމު ކަމަކަށްވެގެން ދާނެއެވެ.

ރާއްޖެއިން އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަކީ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނަކަށް ވިޔަސް މިއަދު އެކަން ހަގީގަތަކަށް ވެ އެ ޚިދުމަތް ދޭން ފަށާފައިިމިވަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. ވިޓޯލްއަކީ މިހާރު ވެސް ސިންގަޕޫރާއި ޔޫއޭއީ އަދި މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ކުންފުންޏެކެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވާދެއްވެވީ ރައްޔިތުންގެ މަޖިލިހުގައި މި ވަގުތު ހއ. އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނެވެ. އެއީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އާއި ދިއްދޫ ދާއިރާ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރެވެ.

މި ޚިދުމަތް އުތުރުގައި ފެށުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. މިޚިދުމަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގައި ހއ.އަތޮޅު ތަމްސީލްކުރާ 5 މެމްބަރުންނެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެކުންފުނިން ވިދާޅުވީ، ބަންކަރިން ޚިދުމަތަށް މިހާރުވެސް ބުކިން ލިބެމުންދާކަމަށެވެ.

އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ރާއްޖެ އޮންނަ ސަރަޙައްދަކީ ބައިނަލްއަޤްވާމީ އެތައް ލައިނަރއެއް ދަތުރުކުރާ މައި އެއް ރޫޓެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބޯޓުފަހަރެއް އެތައް ބިލިޔަން ޑޮލަރުގެ މުދާ ކޮންޓެއިނަރާއެކު ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރެއެވެ.

އެބޯޓު ފަހަރު މިހާތަނަށް ބަންކަރިންގެ ޚިދުމަތް ހޯދަމުން އައީ ސަރަޙައްދީ ބައެއް ޤައުމުތަކުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާ އަދި ސިންގަޕޫރުން ބަންކަރިންގެ ޚިދުމަތް ހޯދަމުން ދެއެވެ. އެއީ ރާއްޖެއިން “ލޯ ސަލްފާ ފިއުލް” ލިބެން ނެތުމުންނެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.

ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައެވެ. އެގޮތުން އެ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.