އިނގިރޭސި ޕްރިމިއާ ލީގުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރު މި ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 5 ގެ ނިޔަލަށް ހުޅުވާލުމަށް ނިންމައިފިއެވެ.
މީގެކުރީން އާއްމުގޮތެއްގައި މި ދުވަސްވަރަކީ ހުރިހާ ކްލަބުތަކުން ވެސް ކުޅުންތެރިން ގަނެވިއްކުމުގައި ހަރަކާތްތެރިވެ އުޅޭ ދުވަސްވަރަށްވީ ނަމަވެސް، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މެދުކަނޑާލި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފުޓްބޯޅަ ސީޒަނުގެ ކުޅުން ކުރިއަށްގެންގޮސް ނިންމުމަށް ޔުއެފާ އަދި ފީފާ އިން އެދިފައިވާތިވެ، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރު ހުޅުވުމަށް ނިންމާފައިވަނީ ލީގުގެ ބާކީ ހުރި މެޗުތައް ކުޅެ ނިމުމުންނެވެ.
އެހެންކަމުން، މި ޖުލައި މަހުގެ 26 ވަނަ ދުވަހު އިނގިރޭސި ޓީމުތަކަށް ލީގު ނިމުމާއެކު ޖެހިގެން އަންނަ ދުވަހުން ފެށިގެން 10 ހަފްތާގެ މުއްދަތަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ލީގުތަކުގެ ޓީމުތަކާ ދެމެދު ޓްރާންސްފާގެ މުއާމަލާތްތައް ކުރިއަށްގެންދެވޭނެވެ. އެކަމަކު، ކުރިއާ ހިލާފަށް މި ފަހަރުގެ ޓްރާންސްފާ ބާޒާރު ހުޅުވިފައި ހުންނަ މުއްދަތުގައި މި ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުގެ މެޗުތައް ވެސް ކުރިއަށްދާނެއެވެ.
ނަމަވެސް، އަންނަ އޮކްޓޫބަރު މަހުގެ 5 އިން 16 ގެ ނިޔަލަށް އިނގިރޭސި ދަށް ޑިވިޝަނުގެ ޓީމުތަކުން ޕްރިމިއާ ލީގުގެ ކުލަބުތަކަށް ކުޅުންތެރިން ގަނެވިއްކުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އެކަމަކު، މި މުއްދަތުގެ ތެރޭގައި ޕްރިމިއާ ލީގުގެ އެއް ކުލަބުން އަނެއް ކްލަބަށް ވެސް ކުޅުންތެރިން ބަދަލުވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.