ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ގްރަނާޑާ އަތުން 2-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.
ރޭގެ ނަތީޖާއާއެކު 36 މެޗުން 83 ޕޮއިންޓް ހަމަކޮށްފައިވާ ރެއާލުން ލީގު ކަށަވަރުކުރަން ބާކީ އޮތް ދެ މެޗުން ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ބާސެލޯނާ އަށް ބުރާސްފަތި ދުވަހުގެ ރޭ އޮސަސޫނާ އަތުން މޮޅުނުވެވިއްޖެނަމަ ރެއާލަށް ލީގު ލިބޭނެއެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި، ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. އެތުލެޓިކޯ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ރެއާލުން ރޭގެ މެޗަށް ނިކުތީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަލަވޭސް އަތުން 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ކެޕްޓަން ސާޖިއޯ ރާމޯސް އާއި ފުލްބެކް ޑެނީ ކަރްވަހާލް އެނބުރި ޓީމާ ގުޅުނުއިރު، އިސްކޯ އާއި ފެޑެރީކޯ ވަލްވާޑޭ ވެސް ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވެއެވެ.
ގްރަނާޑާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ 16 މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ދިން ބޯޅައަކުން ފްރާންސްގެ ފުލްބެކް ފޭލަން މެންޑީ އެ ޓީމަށް ލީޑްނަގައިދިންއިރު، އޭގެ ހަ މިނެޓުފަހުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ވަނީ އަވަސް ކައުންޓަ އެޓޭކެއްގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު ލުކާ މޮޑްރިޗް ދިން ޕާހަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ރޭގެ މެޗުގައި ގްރަނާޑާ އިން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑާވިން މާޗިސް އެވެ. މިއީ ލީގުގައި އެންމެފަހުން ކުޅުނު ހަ މެޗުގައި ރެއާލް ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.
ގްރަނާޑާ އިން އިތުރު ގޯލެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތުގައި މާޗިސް ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތްނުވިއިރު، އެންޓޮނިން ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ. އަދި އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ކުޑައޭރިޔާގެތެރެއިން ގްރަނާޑާގެ ރާމޮން އަޒީޒް ފޮނުވާލި ބޯޅަ ރެއާލްގެ އިތުބާރު ޑިފެންޑަރު ރާމޯސް ވަނީ ގޯލްގެ ރޮނގުމަތީން ދިފާއުކޮށްފައެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން ވިޔާރެއާލް ބަލިވިއިރު، އަލަވޭސްއާ ދެކޮޅަށް ގެޓަފޭ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.