English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެން 15 މާރިޗު 2020ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު އަށް ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ކުރިމަތިލި ހަތަރު ކެންޑިޑޭޓެކެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މީދޫ ދާއިރާ (އަންހެނުންނަށް ޚާއްޞަ ކޮށްފައިވާ ގޮނޑި) އަށް ކުރިމަތިލީ ޢާއިޝަތު ޝޫޒާ، ކުދިމާވިލާ / ސ. މީދޫ އާއި ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް ކުތިމަތިލީ ޙުސައިން އަރްޝަދު، ލާލު / ކ. ތުލުސްދޫ އެވެ.

މީގެ އިތުރުން އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި ނަސްރީނާ މޫސާ، ހިރުދުމާގެ / ހއ. އުލިގަން އާއި ނ. މަގޫދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ޖަޢުފަރު ޢަލީ، ޑައިމަންޑްވިލާ / ނ. މަގޫދޫ އާއި، ލ. އިސްދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލި އިބްރާހީމް ޙަމީދު، އާސްމާނުވިލާ / ލ. އިސްދޫ އަދި ގއ. ނިލަންދޫ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ނަދީމް އަޙްމަދު، ހިލިހިލާގެ / ގއ. ނިލަންދޫ އެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެއީ ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އެމްޑީޕީ ކެންޑިޑޭޓް ކަމަށްވާ ޢާއިޝަތު ޞަޠުމާ، ފިތުރޯނުވިލާ، ލ. މާމެންދޫ އަދި ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް، އާމިނަތު ރަޙީމާ، ފޯލައިޓް، ލ. ކަލައިދޫ އެވެ.

މީގެ ކުރިންވެސް އިންތިޚާބަށް ކުރިމަތިލީ 14 ކެންޑިޑޭޓަކު ވަނީ އަނބުރާ ނަން ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލި ދެ ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.