English Edition
Dhivehi Edition
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް. --ފޮޓޯ: ގެޓީ އިމޭޖަސް

ގައުމުތަކުން ސިއްހީގޮތުން އެޅޭނެ އެންމެ އާދައިގެ ފިޔަވަޅުތަކާ މެދު ސަމާލުނުވާނަމަ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ނުރައްކާ މިހާރަށްވުރެ އިތުރަށް ބޮޑުވެގެންދާނެކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރުދީފިއެވެ.

“މިވަގުތު ދުނިޔޭގެ ގިނަ ގައުމުތަކުން މިސްރާބު ޖަހާފައިހުރީ އެންމެ ރަނގަޅު ދިމާލަކަށް ނޫން. ކޮރޯނާވައިރަހަކީ އަދިވެސް އަހަރެމެންގެ އެންމެ ބޮޑު ދުޝްމިނަކީ،” ޑަބްލިއުއެޗްއޯގެ ހެޑްކުއާޓާޒްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ބްރީފިންއެއްގައި އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވިއެވެ.

“މި ބަލިމަޑުކަމުން އަރައިގަތުމަށް އޮތް ހަމައެކަނި ގޮތަކީ ސިއްހީގޮތުން އެންމެ އާދައިގެ ކަންތައްތަކަށް ވެސް ސަމާލުކަންދިނުން. އެހެންނޫނީ ބަލީގެ ނުރައްކާ މިހާރަށްވުރެ ގޯސްވެދާނެ. މިހެން މިކަންވިޔަދީގެން ނުވާނެ.” ޓެޑްރޯސް ވިދާޅުވިއެވެ.

މުޅި ދުނިޔޭން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 މިލިއަނަށްވުރެ އިތުރުވެފައިވާއިރު، މަރުވި މީހުންގެ އަދަދުވެސް ވަނީ 570،000 އަށްވުރެ މައްޗަށް ގޮސްފައެވެ. މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކުގެ ދެބައިކުޅަ އެއްބައި ރިޕޯޓްކޮށްފައި ވަނީ އުތުރު އަދި ދެކުނު އެމެރިކާ ސަރަހައްދަށެވެ. އަދި މި ބަލީގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ލިސްޓުގެ އެންމެކުރީގައި ހިމެނެނީ ވެސް މި ދެ ބައްރަށް ނިސްބަތްވާ އެމެރިކާ އާއި ބްރެޒިލްގެ އިތުރުން އިންޑިއާ އެވެ.

އެމެރިކާ އިން އެކަނިވެސް 3,4 މިލިއަން މީހުން ޕޮޒިޓިވްވެ، 137,947 މީހުން ވަނީ މަރުވެފައެވެ. ބްރެޒިލުން ވެސް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.87 މިލިއަނަށް އަރާފައިވާއިރު، 72,234 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެ ގައުމުން ބަލިޖެހުނު މީހުންގެ އަދަދު ވަނީ ނުވަ ލައްކައަށްވުރެ އިތުރުވެފައެވެ. އިންޑިއާ އިން މިބަލީގައި މަރުވި މީހުންގެ އަދަދަކީ 23،727 އެވެ.