ފަހަކަށް އައިސް ހިނގަމުންދާ ބިދޭސީންގެ މުޒާހަރާތަކުގެ ފަހަތުގައި “ސިޔާސީ ކަންތައްތަކެއް” ނުވަތަ އެކަމަކީ ސިޔާސީ ބަޔަކު މީހުން އަޑީގައި ތިބެ ކުރުވާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކުގެ ތެރެއިން މުސާރަ ނުލިބޭ ބިދޭސީންތަކެއް ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެއީ އެތައް ޒަމާނަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަކަށް ވާއިރު މީގެ ކުރިން ވެސް މުސާރަ ނުދީ މަސައްކަތް ކުރުވާ ކަމަށާއި އެހެންނަމަވެސް މުސާރައާ ގުޅުވައި މި ފަހަކަށް އައިސް ކުރާ މުޒާހަރާތަކާ މެދު ޝައްކުތަކެއް އެބަހުރި ކަމަށެވެ.
މި ވާހަކަތަކުގެ އިތުރު ތަފްސީލް ދެއްވަމުން ފައްޔާޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ ތުހުމަތު ކުރައްވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން ނުވަތަ ވާދަވެެރި އެހެން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ނޫން ކަމަށާއި އެއީ ސިޔާސީ ބޭނުމަކަށްޓަކައި ސަރުކާރުގެ އަގު ވައްޓާލަން އެހެން ބަޔަކު ކުރާ ކަމެއްކަމަށެވެ.
މުޒާހަރާތަކާ ދިމާލަށް ބިދޭސީން މިދަނީ، މައްސަލަތައް ހައްލުކުރަން މި ސަރުކާރުން ފިޔަވަޅު އަޅަމުން ދަނިކޮށް ކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމުން، ބިދޭސީންގެ މައްސަލައަކީ ހުދު މިނިސްޓަރުގެ ސަބަބުން އުފެދިގެން އުޅޭ މައްސަލައެއް ކަމަށް ހީވާ ފަހަރުވެސް ދާކަމަށެވެ.
އިތުރަށް ފައްޔާޒް ވިދާޅުވީ މިއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި ފަސޭހައިން މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް މަގާމުގައި ހުންނެވިހާ ދުވަހަކު ފެނިވަޑައިގަންނަވާ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެ، ފައްޔާޒްވަނީ އޭނާގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ޖެހިލުންވާނެ ކަމެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.