English Edition
Dhivehi Edition
އަހާ ފޯރަމްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ރޯދަމަހާ ދިމާކޮށް އަސާސީ ތަކެތި އަގުބޮޑުކޮށް ވިޔަފާރިތަކުން ވިއްކާނަމަ، ސަރުކާރުން އެކަން ހުއްޓުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަހާ ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު %3 އަށްވުރެ ދަށުގައި މިހާރުވެސް މެނޭޖްކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށެވެ.

“މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްވެވުނު. އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން. މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާކެޓުގެ އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާނަމަ، އެކަމަށް ބައްލަވާނެ ކަމަށާއި އެއީ ޗޮއިސްއެއް ނޫންކަމަށެވެ. ސަބަބަކީ އަސާސީ ބާވަތްތަކުގެ މުދާ، އާންމު ރައްޔިތުން ހޯދުމުގައި ދަތިހުރަސްވާނެ ހުރިހާ ކަމެއް ގޮންޖެހުންތަކުގެ ތެރެއިން ވެސް ސަރުކާރުން ޙައްލު ކުރަމުން ދާތީ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު ރިޕޯޓަކަށް ރިޢާޔަތް ކުރައްވައި ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު %7 ހުރަސް ކުރާނެ ކަމަށް އެ ބޭންކުން ލަފާ ކުރި ނަމަވެސް ސަރުކާރުން ދުރާލައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް %3 އަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށެވެ. އެގޮތުން، އަގުތަކާ ގުޅިގެން ޚާއްސަ ސިޔާސަތެއް އެކުލަވާލައްވަން ރައީސުލްްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އެންގެވި ކަމަށާއި އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

“އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތު އެއޮތީ އެކުލަވާލާފައި. އެއީ އެއްވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ، އެއީ ކިތައް އައިޓަމްތޯ. 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަަޟާން މަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައި،” އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އަސާސީ ބައެއް ކާބޯތަކެތީގެ އަގު ބޮޑުވެގެން މިފަހުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ކުރިމަތިކުރުވާފައެވެ.

އެހެންކަމުން ރަމަޟާން މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކާ ދިމާވާނަމަ އެކަން ސަރުކާރާ ހިއްސާކުރެއްވުމަށްވެސް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވިއެވެ.