English Edition
Dhivehi Edition
ލެ ހަވްރޭގެ ކުޅުންތެރިން ކައިރިން ޕީއެސްޖީގެ ނޭމާ (ކ-2) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ޕީއެސްޖީ

މިދިޔަ މާރިޗް މަހުގައި ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައިވާ ފްރާންސްގައި ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްޖީން ތަފާތު ބޮޑު ނަތީޖާއަކުން ލެ ހަވްރޭ އަތުން މޮޅުވެއްޖެއެވެ. ޕީއެސްޖީން މި މެޗު ކާމިޔާބުކުރީ 9-0 އިންނެވެ.

މީގެ ދެ މަސްކުރީން، ފްރާންސް ލީގު އިތުރަށް ކުރިއަށްގެންދެވޭނެ ގޮތެއް ނެތުމުން ލީގު ކެންސަލްކުރުމަށްފަހު ޕީއެސްޖީ އަށް ޗެމްޕިއަންކަން ދީފައިވާއިރު، އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ފްރެންޗް ކަޕް އަދި ލީގު ކަޕްގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފައެވެ.

ފްރާންސްގެ ދެވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ލެ ހަވްރޭގެ 25 ހާހެއްހާ މީހުންނަށް ކުޅިބަލަންވަދެވޭ ދަނޑަށް ރޭ ކުޅުނު އެކުވެރިކަމުގެ މި މެޗަށް ވައްދާފައިވަނީ ގާތްގަނޑަކަށް ފަސް ހާހެއްހާ ސަޕޯޓަރުންނެވެ.

އެގޮތުން، ދަނޑަށް ކުޅިބަލަން ވަންނަ ސަޕޯޓަރުންނަށް އިޖުތިމާއި ގައިދުރުކުރުމުގެ މިންގަނޑަށް ފެތޭގޮތަށް އިށީނދެތިބެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާއިރު، ދަނޑުގައި އެންމެ މަތީ ފަންގިފިލާގެ ގޮނޑިބަރިތައް ހުރި ހުސްކޮށެވެ. އަދި މާސްކް ނާޅާ، އަންގި ނުލައި އެއްވެސް ފަރާތަކަށް އެ ފުރުޞަތު ދީފައިނުވާކަމަށާއި، ކުޅިބަލަން ވަންނަ މީހުންގެ ތެރެއިން އެއްކޮށް ތިބެވޭގޮތަށް ހަމަޖައްސާފައިވަނީ ހަމައެކަނި އާއިލާގެ މެންބަރުންނަށް އެކަންޏެވެ. މީގެއިތުރުން، މި މެޗު ކުޅެމުންދިޔަ ވަގުތުގައި ލައުޑްސްޕީކަރުން އިޖްތިމާއީ ގައިދުރުކުރުމަށް އިރުޝާދު ދެމުން ގޮސްފައިވެއެވެ.

ލެ ހަވްރޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗަށް ކުޅިބަލަން ވަން ބައެއް ސަޕޯޓަރުން. –ފޮޓޯ: ޕީއެސްޖީ

ރޭގެ މެޗަށް ޕީއެސްޖީން ވަރުގަދަ ޓީމެއް ނެރެފައިވާއިރު، އެ ޓީމުން ޖެހި ނުވަ ލަނޑުގެތެރެއިން، ނޭމާ އާއި މައުރޯ އިކާޑީ އަދި ޕަބްލޯ ސަރާބިއާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި އިދްރިސާ ގާނާގެ އިތުރުން އާނައުޑް ކަލިމުއެންޑޯ އެވެ.

ފްރާންސް އަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގު ނިސްބަތްވާ ގައުމުތަކުގެ ތެރެއިން މިހާތަނަށް ދަނޑަށް ސަޕޯޓަރުން ކުޅިބަލަންވައްދައިގެން މެޗުތައް ފެއްޓި ހަމައެކަނި ގައުމެވެ. ޖަރުމަނުގެ ފުޓްބޯޅަ ސީޒަން ސަޕޯޓަރުންނާ ނުލައި ކުރިއަށް ގެންގޮސް ނިންމާލާފައިވާއިރު، މިވަގުތު އިޓަލީ އާއި ސްޕެއިންގެ އިތުރުން އިނގިރޭސިވިލާތުގެ ލީގުގެ މެޗުތައް ވެސް ކުރިއަށްގެންދަނީ ދަނޑަށް އެއްވެސް ސަޕޯޓަރަކު ނުވައްދައެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން މިހާތަނަށް އައިއިރު 170,752 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އަލަށް ބަލިޖެހުނު އެއްވެސް މީހެއް ފެނިފައިވާކަމަށް ރިޕޯޓްކޮށްފައެއްނުވެއެވެ. އަދި އެ ގައުމުގައި މި ބަލިން ގާތްގަނޑަކަށް 30,004 އެއްހާ މީހުން ވަނީ މަރުވެފައެވެ.