English Edition
Dhivehi Edition

ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ރަށްރަށުން މާލެއަށް ޒަރޫރީ ބޭނުންތަކަށް އައިސް ތިބި މީހުންނާއި، ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލި ހާލުގައި ޖެހުނު މީހުންގެ އިތުރުން ރިސޯޓްތަކުން ރަށަށް ދިއުމަށް މާލެ ގޮސްފައިވާ މީހުންނަށްވެސް މަޖުބޫރުވެގެން ދިޔައީ މާލޭގައި މަޑުކުރާށެވެ. މާލެއިން ބަލި ފެންނަ އަދަދު އިތުރުވެ، ދިރިއުޅުމުގެ ހާލަތު ދަށްވެ އަތްމަތި ދަތިވާން ފެށި ހިސާބުން، ހާލަތު ބަދަލުވެ އަވަހަށް ރަށަށް ދެވޭނެ ކަމުގެ އުއްމީދުގައި ތިބި ރައްޔިތުންނަށް އިތުރު މާޔޫސްކަމެއް ލިބިގެން ދިޔައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު 13 މެއި 2020 ވަނަ ދުވަހު ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު އެކިއެކި ބޭނުންތަކުގައި މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން ރަށަށް ފޮނުވުމުގަައި އިސްކަން ދޭނެ މީހުންގެ ނަންތައް ހިމަނާ ލިސްޓެއް ވަނީ އެކުލަވާލިއެވެ. އަދި މީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނުކުރުމަށްޓަކައި ސަރުކާރުން ހަމަޖައްސާފައިވާ ކަރަންޓީނު ފެސިލިޓީ ތަކުގެ ކެޕޭސިޓީއަށް ބަލައި ކޮންމެ އަތޮޅަކަށްވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ނުވާނެ ގޮތަކަށް ރަށްރަށަށް ގެންދިއުމަށްޓަކައި އެންމެ އިސްކަންދޭ ފަރާތްތައް ވަނީ ކަނޑައަޅާފައެވެ. މާލެ ސަރަޙައްދުގައި ތިބި ރަށްރަަށުގެ މީހުން އެ ރަށްރަށައް ފޮނުވާ ރަށްރަށުގައި ކަރަންޓީނު ކުރުމަކީ އެންމެ ރައްކާތެރިގޮތް ކަމުގައި ނުވާނެތީވެ، ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނު ކުރުމަށް ނިންމީ އެ ސަރަޙައްދުތަކުގައި ސަރުކާރުން ކަނޑައަޅާ ފެސިލިޓީ ތަކުގައެވެ.

އެހެންނަމަވެސް މި ކަން މިގޮތަށް ކުރިއަށް ދިޔައީ މަދު ދުވަސްކޮޅަކަށެވެ. ޖޫން 07 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ރަށަށް ދާ މީހުން ރަށްރަށުގައި ހުންނަ ގެތަކުގައި ނުވަތަ ތަނެއްގައި ކަރަންޓީން ކުރެވޭނެ ގޮތަށް އުސޫލެއް ބަދަލުކޮށްފައެވެ. އަދި މާލެއިން ރަށްރަށަށް ދާ ފަރާތްތައް ރަށުގައި ދިރިއުޅޭ އެހެން ފަރުދުންނާއި ދުރުހެލިކުރުވައި ވަކިމުއްދަތަކަށް އެކަހެރިވެ ކަރަންޓީނު ވުމަށް .އެއްބަސްވުމުގައި ސޮއި ކޮށް ވަކި ޝަރުތުތަކަކާއެކު މީހުން ރަށަށް ފޮނުވަން ނިންމި ނިންމުންވެގެން ދިޔައީ ގިނަ ބައެއްގެ ނުރުހުނު އަމާޒުވެގެން ދިޔަ ކަމަކަމަށެވެ.

ރާއްޖޭގައި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ މާލެއިން ބަލި ނެތް ރަށްރަށަށް މީހުން ގެންނައިރު އެކަމަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައި ނެތްކަމަށް ރައްޔިތުން ބުނަމުން ދިޔައިރު ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށްވެގެން ދިޔައީ އެންމެ މީހެއްގެ ފަރުވާކުޑަކަމުންވެސް މުޅި މުޖްތަމައު ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެކަމުގެ ޝަކުވާއެވެ. މި ޝަކުވާތައް އައްޑޫ ރައްޔިތުންގެ ފަރާތުންވެސް އިވިގެން ދިޔައިރު، ހޯމްކަރަންޓީނަށް އައްޑޫއަށް އައި ފުރަތަމަ ގުރޫޕް ރަށަށް އައުމާއެކު އެމީހުންނަށް ގިނަ އިރުޝާދު ތަކެއް ދެވުނެވެ.ސަރުކާރުން ހޯމްކަރަންޓީނަށް އައްޑޫއަށް ފޮނުވި ގުރޫޕްތަކުގެ ހުރިހާ ކަމެއް އެސްއެސްޑީގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފައިވާއިރު ހޯމް ކަރަންޓީނަށް އައި ގިނަ މީހުންގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ހޯމްކަރަންޓީންގެ އުސޫލުތަކާއި ހިލާފުވެފައިވާއިރު މިކަމާއި ގުޅިގެން މާ ބޮޑު ފިޔަވަޅުތަކެއް އަޅާފައި ނެތްކަމުގެ ޝަކުވާތައްވެސް ލިބިގެންދިޔައެވެ.

މިދިޔަ ޖޫންމަހުގެ ފަހުކޮޅު ސަރުކާރުން މީހުން ރަށްރަށަށް ފޮނުވުން ހުއްޓާލުމާއެކު ދެން ރަށަށް އަންނަ ބޭނުންވާ މީހުން ޖެހުނީ އަމިއްލައަށް ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖައްސައިގެން ރަށަށް އަންނާށެވެ. އެ ގޮތަށް ރަށަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭއިން ހުއްދަ ދިނުމާއެކު އެމީހުން ރަށަށް އަންނަން ބޭނުން ދުވަހަކު ރަށަށް އައުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ނަމަވެސް ހިތާމައަކީ ހޯމް ކަރަންޓީނަށް ރަށަށް އަންނަ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް އެ ރަށެށްގެ އެއްވެސް ކަމާއި ބެހޭ އިދާރާއަކަށް ނޭގޭ ކަމެވެ. ކައުންސިލުން، އެސްއެސްޑީ، އަށްވެސް ހޯމް ކަރަންޓީނަށް އަންނަ މީހުންގެ މައުލޫމާތު ހިއްސާކޮށްފައި ނެތުމުން އައްޑޫގައި މިވަނީ ކަރަންޓީނަށް އަންނަ މީހުންގެ ކަންކަން ނުބެލި ބޮއްސުންލާފައެވެ.

އައްޑޫސިޓީ ހުޅުމީދޫއަށް ހޯމްކަރަންޓީނަށް އަންނަ މީހުން ފެރީގައި ދަތުރުކުރަމުންދާ ކަމުގެ ޝަކުވާތައް ފެންމަތިވެފައިވާއިރު މިކަމަށް އެކަށީގެންވާ ހައްލެއް ލިބޭނެ ގޮތެއް ނެތެވެ. ހޯމް ކަރަންޓީނަށް ރަށަށް އަންނަ މީހުން މުޅި ރަށުތެރޭގައި އުޅޭއިރު މިކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތެވެ. ކަރަންޓީންކޮށްފައިވާ ގޭގެއަށް ދިއުމާއި، އެގޭގައި ދިރިއުޅޭ މީހުން ބޭރަށް ނިކުމެ ހެދުން މިވަނީ މިހާރު އާންމުވެފައެވެ. އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާއިރު، ފަރުދީ ޒިންމާ އަދާކުރާ މީހުން ވަރަށްވެސް މަދެވެ،

މިފަދަ ވާހަކައެއް ދައްކައިފިނަމަ ލިބޭ ޖަވާބަކީ ގައިގައި ބަލީގެ އަލާމާތެއްނެތް މީހުންނާއި މެދު ކަންތައްކުރާ އުސޫލުކަމުނުދާ ވާހަކައެވެ. އުފަން ރަށަށް ކޮންމެ މީހަކަށްވެސް އާދެވޭނެ ވާހަކައެވެ. އެހެންނަމަވެސް ހަގީގަތުގައި މިއީ މިކަންވާންޖެހޭ ގޮތެއް ނޫނެވެ. ސަރުކާރުން ލޮކްޑައުން އުވާލީ ބަލި އެއްކޮށް ނައްތާލެވުމުން ނޫންކަން ގަބޫލުކުރަންޖެހެއެވެ. ސަރުކާރުން ހޯމް ކަރަންޓީނަށް ފޮނުވި މީހުންނާއި މެދު އެންމެ ފުރަތަމަ އަމަލުކުރި އުސޫލުން މިއަދު އަމިއްލައަށް ހޯމް ކަރަންޓީނައަށް އަންނަ މީހުންނާއި މެދުވެސް އަމަލުކުރެވެން ޖެހެއެވެ.

މިހާރު ފެންނަނަމުން މިދާ މަންޒަރަކީ ބިރުވެރި މަންޒަރެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުން ހޯމް ކަރަންޓީނަށް ގޮސްފައިވާ މީހުންގެ ސާމްޕަލްތައް ޕޮޒިޓިވްވަމުންދާ އިރު މިއީ ވިސްނާލުން މުހިއްމު ކަމެކެވެ. ބަލީގެ އަލާމާތެއް ނެތްނަމަވެސް ބަލި އޮތްތަނަކުން އައިސްފި ނަމަ ވިސްނަންވީ އެހެންމީހުންގެ ރައްކާތެރިކަމަށެވެ. ކަރަންޓީނަށް އަންނަ ފަރާތްތަކު ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. އަދި ކަމާއި ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި މިކަންކަން ބަލަންޖެހެއެވެ.

 

 

 

1 ކޮމެންޓް
އައްޑޫ މީހާ
ޖުލައި 12, 2020
ބަލަން އަހަރަމެން ވަރަށް މަސައްކަތް ކުރިން. އައްޑޫ ގެ ޑެޕިޔުޓީ މޭޔަރު ޔަސްރިފް ބުނަނީ ސަރުކާރުން ވާ ވަރު ވެއްޖެޔޭ. ދެން އިތުރުގޮތެއް ނެތޭ. އެމް.ޑީ.ޕީ އިސް ސަފުގަ ތިބޭ މީހުންނަށް ފަސޭހައިން އައިސް ރަށުތެރޭ އެބުރޭ. އެމް.ޑީ.ޕީ ވީމަ މައްސަލަ ބަލާނެ މީހަކު ނެތް. ޔަސްރިފްގެ ދެމަފިރި ކަބަލުން ބޮޑާ ވެފަ ތިބެނީ. ގުޅިޔަސް ފޯނެއް ނަގަނީއެއް ނޫން. ޝަފްނާ އާއި ޔަސްރިފް ޒިންމާ ނަގަން ޖެހޭނެ އައްޑޫގައި ބަލި ފެތުރިއްޖެޔާމު. މަޤާމް ލިބުނީމަ ބޮޑާވެފަ ދެމީހުން ތިބެނީ