އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް، މިރޭ 20:15 އިން ފެށިގެން މެންދަމު 02:15 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން އދ. އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިރޭ 20:30 އިން މެންދަމު 02:30 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އިއްޔެ އާއި މިއަދުވެސް ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާއިރު، އައްޑޫ ސިޓީގެ ބައެއް ރަށްތަކަށްވެސް ވަނީ އިއްޔެ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިރޭ 08:00 އިން މާދަމާ ރޭ 08:00 އާއި ހަމައަށް އު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރުން އެކަށީގެން ވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 07 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ބައެެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެން ކަމުން ހުރިހައި ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގައިފަ އެވެ.