އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު 15:00 އިން ފެށިގެން 19:30 އާއި ހަމައަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ށ. އަތޮޅުން ޅ. އަތޮޅާއި ހަމައަށްވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދު 14:30 އިން 18:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
އިއްޔެވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާއިރު، އައްޑޫ ސިޓީގެ ބައެއް ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެން ވޭއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެ އިތުރުން ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރަޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.