English Edition
Dhivehi Edition
ރެއާލް މެޑްރިޑްގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން. --ފޮޓޯ: ގެޓީ އިމޭޖަސް

ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-0 އިން ޑިޕޯޓިވޯ އަލަވޭސް އަތުން ރެއާލް މެޑްރިޑް މޮޅުވިއިރު، ވީއޭއާރްގެ އެހީގައި ނިންމި ނިންމުންތަކުގެ ސަބަބުން ލިބެމުން އަންނަ ފައިދާތަކާ ގުޅޭގޮތުން އެ ޓީމުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ބުނީ ވީޑިއޯ ޓެކްނޮލޮޖީ އަކީ އެމީހުން ކޮންޓްރޯލް ކުރާ އެއްޗެއް ނޫން ކަމަށެވެ.

ފަހަކަށްއައިސް ރެއާލް ކުޅޭ ގިނަ މެޗުތަކުގައި ނަތީޖާ އަނބުރާލަނީ ވެސް ރެފްރީގެ ނިންމުންތަކުން ކަމަށާއި، ހާއްސަކޮށް ވީއޭއާރްގެ އެހީގައި ނިންމާ ނިންމުންތަކުން އެ ޓީމާ އެއްކޮޅަށް ބުރަވާ ކަމަށް ވާދަވެރި ބާސެލޯނާގެ އިސްފަރާތްތަކުން ވެސް ތުހުމަތުކުރެއެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު، އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޑެނީ ކަރްވަހާލް އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ނަމަވެސް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ރޭގެ މެޗަށް ނެރުނީ ނިސްބަތުން ވަރުގަދަ ޓީމެކެވެ.

މީގެއިތުރުން، ލީގުގައި ރެއާލުން ކުޅުނު ވޭތުވެދިޔަ މެޗެކޭ އެއްފަދައިން ރޭގެ މެޗުގައިވެސް އެ ޓީމުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. ރޭގެ މެޗުގައި އެ ޓީމުގެ އިތުބާރު ޕެނަލްޓީ ޖެހުންތެރިޔާ ރާމޯސް ނެތުމުން އެ މަގާމު އަދާކުރީ ކަރީމް ބެންޒެމާ އެވެ.

އަދި ރޭގެ މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު، ސްޕެއިނުގެ ވިންގާ މާކޯ އަސެންސިއޯ ކާމިޔާބުކުރުމާއެކު ރެފްރީ އެންމެ ފުރަތަމަ އޮފްސައިޑް ކަމަށް ނިންމުމަށްފަހު ވީއޭއާރްގެ އެހީގައި ވަނީ އެ ގޯލް ގަބޫލުކޮށްފައެވެ. ރޭގެ މޮޅާއެކު ރެއާލް ވަނީ ތާވަލްގެ ދެވަނައިގައި އުޅޭ ބާސެލޯނާއާ ދެމެދު އޮތް ހަތަރު ޕޮއިންޓްގެ ފަރަގު ދަމަހައްޓާފައެވެ. ލީގުގައި އެ ޓީމު އެންމެފަހުން ކުޅުނު ފަސް މެޗުގައި ވެސް ބައިކޮޅަށް ލަނޑެއްވަނަނުދީ ވަނީ ހިފަހައްޓާފައެވެ.

އަލަވޭސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

މީގެކުރީން، ބާސެލޯނާގެ ރައީސް ޖޮސިޕް މާރިއާ ބާޓޮމެއު ވަނީ ލީގުގައި މިދިޔަ ހަފްތާގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ރެއާލް މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ވީޑިއޯ ޓެކްނޮލޮޖީގެ ފަރާތުން ވާދަވެރި ރެއާލަށް ގިނަގުނަ ފައިދާތަކެއް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް، ރެއާލްގެ ޑިފެންސްލައިންގައި އިތުބާރާއެކު ހަރަކާތްތެރިވަމުން އަންނަ ވަރާން މިކަމާ ދެކޭގޮތް މުޅީން ތަފާތެވެ. ވަރާން ބުނީ ބޭރު ތެރޭގައި އެހެން ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން އެމީހުންނަށް އޭގެ އަސަރެއް ނުކުރާނެ ކަމަށާއި، އެ ޓީމާ އެއްކޮޅަށް ރެފްރީންގެ ނިންމުންތައް ނިންމާކަމަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއްނެތް އެކުލެވިގެންނުވާ ކަމަށެވެ.

“ބޭރުތެރޭގައި ދައްކާ ވާހަކަތަކަށް އަހަރެމެންގެ ފަރުވާލެއް ނެތް. އަހަރެމެންގެ އެންމެ ބޮޑު އަމާޒަކީ ދަނޑުމަތީގައި އެންމެ ފުރިހަމައަށް މަސައްކަތްކޮށް މެޗުތަކުން މޮޅުވުން،”

“ވީއޭއާރް އަކީ އަހަރެމެން ކޮންޓްރޯލް ކުރާ އެއްޗެއް ނޫން. އަހަރެމެންގެ ބާރުގެ ދަށުގައި ވަނީ ދަނޑުމަތީގައި ދައްކާ ކުޅުމުގެ ސަބަބުން ލިބޭ ނަތީޖާތައް އެކަނި.” މޫވީސްޓާ އަށް ދިން އިންޓަވިއުއެއްގައި ވަރާން ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅެވުނު މެޗުތަކަށްފަހު ރެއާލަށް 35 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް 35 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. މިރޭ ރެއާލް ވަލަޑޮލިޑް އަތުން ބާސެލޯނާ އަށް މޮޅުނުވެވި، ހޯމަ ދުވަހުގެ ރޭ ރެއާލުން ގްރަނާޑާ ބަލިކޮށްފިނަމަ ބާކީ ދެ މެޗު ނުކުޅެ އޮއްވައި އެ ޓީމަށް ލީގު ކަށަވަރުކުރެވޭނެއެވެ. އަނެއްކޮޅުން ބަލާއިރު ރެއާލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލީގުގެ ހުރިހާ މެޗެއް ކުޅެ ނިމޭއިރު، އެންމެ ކުރީގައި އުޅޭ ދެ ޓީމު ހުރިހާ ގޮތަކުން އެއްވަރުވެއްޖެނަމަ، ބާސެލޯނާއާ ވާދަކުރާއިރު އެ ޓީމަށް ރަނގަޅު ހެޑް-ޓު-ހެޑް ރެކޯޑެއް އޮތުމެވެ.