މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް ފަހު އެ ވުޒާރާގެ ހިންގުން ވަގުތީ ގޮތުން އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ހަވާލުކޮށްފިއެވެ.
އަހްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދަށް އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިސްތިއުފާދިނުމަށް އަންގަވާފައެވެ.. ރައީސްގެ އެ އެންގެވުމަށް އަލީވަހީދު އަމަލުނުކުރެއްވުމުން، އަލީ ވަހީދު ވަޒީރުކަމުން ވަކިކުރެއްވީ މިއަދުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް ވަގުތީގޮތުން ހިންގުން މިނިސްޓަރު ފައްޔާޒާ ހަވާލުކޮށްފައިވާކަމަށްވެސް ހޫދުވަނީ ވިދާޅުވެފައެވެ،
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެ މިނިސްޓްރީގެ މުވައްޒަފުންނަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުތަކެވެ.އަލީ ވަހީދުގެ ފަރާތުން މިފަދަ ގޯނާތަކާއި ކުރިމަތިވިކަމަށް ބުނާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ބައްދަލުކުރައްވައި ކަން ހިނގައިދިޔަގޮތް އެމަނިކުފާނާއި ހިއްސާކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާއިރު މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުތަކެއްވެސް އަލީ ވަހީދުގެ މައްޗަށްވަނީ ކޮށްފައެވެ.