އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބްރައިޓަން ހޯވް އެންޑް އެލްބިއަން 3-1 އިން ބަލިކޮށް ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ އަވަހަށް 30 މޮޅު ހަމަކުރި ޓީމުގެ ރެކޯޑް ލިވަޕޫލުން ގާއިމްކޮށްފިއެވެ.
ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލުން އެއްވެސް މެޗަކުން ބަލިނުވެ ތަށި ހޯދުމަށް އަމާޒުހިފައި އެކަން ހާސިލްނުކުރެވުނު ނަމަވެސް އެ ޓީމަށް އަދިވެސް މި ސީޒަނުގައި ގިނަ ރެކޯޑްތަކެއް ގާއިމްކުރުމުގެ ފުރުސަތު އެބައޮތެވެ.
އެގޮތުން، އެ ޓީމުން މިހާރު އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ މެންޗެސްޓާ ސިޓީން 100 ޕޮއިންޓް ހަމަކޮށް ލީގުގެ ޗެމްޕިއަން ހޯދި ރެކޯޑް މުގުރާލުމެވެ. މި ރެކޯޑާ އެއްވަރުކުރުމަށް ލިވަޕޫލުން ބޭނުންވަނީ އެންމެ ނުވަ ޕޮއިންޓެވެ. އަދި މި ރެކޯޑް މުގުރާލުމަށްޓަކައި ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްގެން ހާސިލްކުރެވޭނެއެވެ.
ރޭގެ މެޗުތަކަށް ފަހު ލިވަޕޫލް އެއްވަނައިގައި އޮތީ 34 މެޗުން 92 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ސިޓީ އަށް 34 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ނުވަ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޗެލްސީ އެވެ. ހަތަރެއްގައި އޮތް ލެސްޓާ ސިޓީ އަށް 34 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 8 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ ހަވަނަ މިނެޓުގައި ޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ބްރައިޓަންގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ ނަބީ ކެއިޓާ ދިން ބޯޅައަކުން ސަލާހު ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ދެ މިނެޓުފަހުން، ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ ޕެނަލްޓީއޭރިޔާބޭރުން ގޯލާ 20 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން، ބްރައިޓަންގެ ލެއަންޑްރޯ ޓްރޮސާޑް ވަނީ ތާރިކް ލަމްޕްޓޭގެ ރީތި ހުރަހަކުން އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
ލިވަޕޫލްގެ ފަހު ލަނޑު، މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ސަލާހު އެވެ. މިއީ ލީގުގައި އޭނާ ޖެހި 19 ވަނަ ލަނޑެވެ. އޭގެފަހުން، މެޗުގެ އިތުރު ވަގުތުގައި ސަލާހުގެ ހެޓްރިކް ފުރިހަމަކުރަން ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
ލީގުގައި ރޭ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެލަނޑުޖެހިއެވެ. އެގޮތުން، މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖެސޫސް ލީޑްނަގައިދިންއިރު، އޭގެ 11 މިނެޓުފަހުން ރިޔާދް މާރޭޒް ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ.
ރޭގެ މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަނަ މިނެޓުގައި ނިއުކާސަލްގެ ފެޑެރީކޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ކާމިޔާބުކުރި ގޯލުން ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައިވަނިކޮށް, މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ބާންލީ އަތުން 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިވިއިރު، ވުލްވަހެމްޕްޓަން ވޮންޑަރާސް އަތުން ޝެފީލްޑް ޔުނައިޓެޑް މޮޅުވީވެސް ހަމަ މިނަތީޖާ އިންނެވެ.