ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ނިންމައިފިއެވެ.
އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ލިބިފައިނުވާކަމަށެވެ. އަދި ކުންފުންޏަށް މިހާތަނަށް ލިބުނު ހަމައެކަނި ފައިދާއާއި، ލިބުނު ޕްރޮޖެކްޓަކީ މިނިސްޓްރީން އެކުންފުންޏަށް ދިން ޕްރޮޖެކްޓްތައް އެކަނިކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ އެ ކުންފުނި އުވާލަން މިހާރު ސަރުކާރުގެ ކެބިނެޓުން ވެސް ނިންމާފައިވާ ކަމަށެވެ.
އިތުރަށް މިނިސްޓަރ މަހްލޫފް ވިދާޅުވީ މިހާރު ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް ހިންގަމުންދާ ގަލޮޅު ދަނޑުގެ ދެކުނު ފަރާތުގައި ހުންނަ އޮފީހަކީވެސް މިނިސްޓްރީން ހިލޭ ހަމަޖައްސާދީފައިވާ ތަނެއްކަމަށާއި އެތަނަކީވެސް އެއްވެސް ފައިދާއެއް ނުވެ ބޮޑެތި ހަރަދުތަކެއް ހިނގާ ތަނެއްކަމަށެވެ.
ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތުގައި ސްޕޯޓްސް މިނިސްޓްރީ އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިފައި އޮތުން މުހިންމުކަމަށް މީގެ ކުރިން މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވާއިރު އެ މިނިސްޓަރީން ވަނީ އެ ކުންފުނި ކުރިއަށް ގެންދިއުމަށްޓަކައި ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މިގޮތުންއިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ސާމާނު ސަޕްލައިކޮށްދިނުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު މިއީ މިހާރު އެ ކުންފުނިން ކުރަމުން އަންނަ ހަމައެކަނި މަސައްކަތެވެ.
2015 ވަނަ އަހަރުގެ މާރިޗް މަހުގެ 15 ވަނަ ދުވަހު އުފެއްދި ސްޕޯޓްސް ކޯޕަރޭޝަންއަކީ ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.