English Edition
Dhivehi Edition

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް، މޭމަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ނުދީފި ނަމަ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.

މިނިސްޓަރ މަހްލޫފަށް މީސް މީޑިއާގައި އިންޒާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރް މޫސާ (ގަޕޯ)ގެ ދަރިފުޅު މުހައްމަދު ޝާރިގެވެ.

އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ، އަންނަ މޭ އެއް ވަނަ ދުވަހަކީ މަހްލޫފް އިސްތިއުފާ ދިނުމަށް އޮތް ފަހު ތާރީހު ކަމަށެވެ.

އަދި މިނިސްޓަރ އެ ދުވަހު އިސްތިއުފާ ނުދީފިނަމަ ކުރާނީ ކޮން ކަމެއްތޯ މީހަކު ކުރި ސުވާލަށް ޖަވާބުދެމުން ބުނީ، “ރޯކޮށްލާނެ” ކަމަށެވެ. އަދި ދެމާނަ ދޭހަވާގޮތަށް ގްރިލްގައި ބާބެކިއު ކޮށްލާނީ ކަމަށް އިންޒާރުދިން ޝާރިގް ބުނެފައި ވެއެވެ.

މަހުލޫފް އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ޝާރިގު ހާމަ ކޮށްފައެއް ނުވެއެވެ. ޝާރިގް މަޚުލޫފްގެ އިސްތިއުފާއަށް ގޮވާލާފައިވަނީ އޭނާ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަށް ގަދަވެފައިވާ ދަނޑިވަޅެއްގައެެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް އެމްޑީޕީގެ އިސް އެކްޓިވިސްޓުން މަހުލޫފުގެ އިސްތިފާގެ ވާހަކަ ދައްކާފައި ވެއެވެ.

މިނިސްޓަރ އަށް ޝާރިގު އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހެޅިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދޭ މީހުންނާމެދު މީގެކުރިންވެސް ފުލުހުން ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށްލެވެއެެވެ. އެގޮތުން، އެފަދަ މީހުން ހައްޔަރުކޮށް، ދައުވާ ވެސް ކޮށްފައިވެއެެވެ.