English Edition
Dhivehi Edition

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ، އަޙުމަދު މަޙްލޫފް ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ސަނީފާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ތިނަދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކް މަޝްރޫއު އާއި ތިނަދޫ ޓާފް ދަނޑުގައި ޓާފް އެޅުމުގެ މަޝްރޫއު އާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ގދ. ތިނަދޫ ސިންތެޓިކް ޓްރެކް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ޔޫތު މިނިސްޓަރ ވަނީ މިއަހަރުގެ ކުރީކޮޅުގައި ވިދާޅުވެފައެވެ. އިންޑިއާ އެކްޒިމް ބޭންކްގެ ލޯން އެހީގައި ހަރަދުކުރުމަށް ހަމަޖެހިފައިވާ އެ މަޝްރޫއު ޕްލޭންކޮށް، ޕްރޮޕޯސަލް ހުށަހަޅާފައިވީ ނަމަވެސް މިއަދާ ހަމައަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފައިވާ ގދ. ތިނަދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު 11 ވަނަ ދުވަހުގައެވެ. އެ މަޝްރޫއަށް ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 4,514,549.00 ރުފިޔާ ހަރަދުކުރުމަށް ވަނީ ބަޖެޓް ކުރެވިފައެވެ.

ގދ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ބޭނުންވާ ޓާފު މިހާރު ވަނީ އެރަށަށް ގެންދެވިފައެވެ. އެ މަސައްކަތް ނިމޭނެކަމަށް ލަފާކުރާ ތާރީހެއްގެ ގޮތުގައި މި އަހަރުގެ ނޮވެންބަރު 30 އޮތް ނަމަވެސް އެ މަސައްކަތް ލަސްވަމުންދާތީ ތިނަދޫގެ ޒުވާނުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.