English Edition
Dhivehi Edition

ވަގުތު ޖެހުމުން ހަގީގަތް ހާމަ ވާނެކަމަށާއި ގައުމަށް ކުރެވުނު ހިދުމަތްތަކާއި މެދު ފަހުރުވެރިވާ ކަމަށް، ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައިވާ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ މަސައްކަތުގެެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއްގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ފަރާތުން ލިބިފައިވާތީ އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އެންގެވުމާއި ގުޅިގެންނެނެވެ.

“ޓޫރިޒަމް މިނިސްޓަރު”ގެ ލަގަބު އަލީ ވަހީދުގެ ޓްވިޓާއިން މިހާރު ނަންގަވާފައިވާ އިރު، “މިދުވަސްވެސް ހިނގައިދާނެ” މިހެން ޖަހާފައިވާ ފޮޓޯއަކާއެކު އަލީ ވަހީދު ރޭ ކުރި ޓްވީޓެއްގައި ބުނީ، ތެދުވެރިކަމާއެކު ގައުމަށް ކުރެވުނު ހިދުމަތާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވާއިރު އަދި އަލީ ވަހީދު މަގާމުން އިސްތިއުފާދިން ކަން ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

އަލީ ވަހީދު އިސްތިއުފާ ދޭން ރައީސް އަންގަވައިފި

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި އަލީ ވަހީދު އަށް ތުހުމަތުކުރެވޭ މައްސަލައެއް މީގެ ކުރިންވެސް ފެންމަތިވެފައިވާއިރު ގިނަ ބަޔަކުވަނީ މަގާމުން އިސްތިއުފާދިނުމާއި ހަމައިން މިކަން ނިމުނީ ނޫންކަމުގައި ބުނެފައެވެ.