English Edition
Dhivehi Edition
ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ކޮވިޑް-19ގެ ބަލިމީހަކަށް ފަރުވާ ދެނީ. --ފޮޓޯ: އޭޕީ

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އެމެރިކާ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.

އެގޮތުން، އެމެރިކާ އިން އިއްޔެ އެކަނިވެސް 50 ހާހަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް އައިއިރު އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 133،000 އާ ގާތްކޮށްފައެވެ.

އަދި މުޅި އެމެރިކާ އަށް ބަލާއިރު އެންމެ ހާލަތު ގޯސްކޮށް އުޅޭ ނިއު ޔޯކުން އެކަނިވެސް 422،851 މީހުން ޕޮޒިޓިވްވެފައިވާއިރު، 32 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ހާލަތު ގޯސް ކެލިފޯނިއާ އިން އިއްޔެ ޕޮޒިޓިވްވި 6،891 މީހުންނާއެކު، މިހާތަނަށް 277،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

މުޅި އެމެރިކާ އިން އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ޓެކްސަސް އިންނެވެ. އެ ސްޓޭޓުން 9،054 އެއްހާ މީހުން ޕޮޒިޓިވްވެ، މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދުވެސް ވަނީ 210،000 އަށް އަރާފައެވެ.

ފްލޮރިޑާ އިން ވެސް އިއްޔެ 6،336 އެއްހާ މީހުން އިއްޔެ ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދުވެސް ވަނީ 206،447 އަށް އަރާފައެވެ.

މީގެއިތުރުން، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 1،324،947 މީހުން މުޅިން ރަނގަޅުވެފައިވާއިރު، 15،198 މީހުންނަށް އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް މުޅި ދުނިޔެއިން ގާތްގަނޑަކަށް 11،740،105 މީހުން ޕޮޒިޓިވްވެފައިވާއިރު، 550،000 ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް އައިއިރު ރަނގަޅުވި މީހުންގެ އަދަދަކީ 6،736،391 އެވެ.