English Edition
Dhivehi Edition
އެސްޓަން ވިލާ ކޮޅަށް ލިވަޕޫލްގެ ފުރަތަމަ ލަނޑު، ސަޑިއޯ މާނޭ (ކ-2) ފޮނުވާލަނީ. --ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ 2-0 އިން ބަލިކޮށް ލިވަޕޫލް އިން އަމިއްލަ ދަނޑުގައި މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، ދެވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި ސައުތެމްޓަން އަތުން 1-0 އިން ބަލިވެފައެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް ވަނީ މި ސީޒަނުގައި މިހާތަނަށް އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު 17 މެޗުން މޮޅުވެފަ އެވެ. މީގެކުރީން، ލީގުގެ އެއް ސީޒަނެއްގައި އަމިއްލަ ދަނޑު ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް އޮތީ ސަންޑަލެންޑް އަތުގައެވެ. އެ ރެކޯޑަށް ވަނީ 128 އަހަރުވެފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 33 މެޗުން 89 ޕޮއިންޓާ އެކު އެވެ. އޭގެ 23 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސިޓީ އެވެ. ރޭގެ މެޗަކީ މި ފަހަރު ލީގުގައި ސިޓީ ބަލިވި ނުވަވަނަ މެޗެވެ. މިއީ އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އެއް ސީޒަނެއްގައި ލީގުގައި މި އަދަދަށް ބަލިވި ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ވަނީ އެ ޓީމު ލަނޑެއްޖެހިޔަނުދީ ހިފަހައްޓާފައެވެ. އެގޮތުން، މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ފޮނުވާލި ބޯޅަ ކުރިން ލިވަޕޫލަށް ކުޅުނު މިހާރު އެސްޓަން ވިލާގެ ކީޕަރު ޕެޕޭ ރެއިނާ މަތަކުރިއެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ސައުތެމްޓަން ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: އޭޕީ

ދެވަނަ ހާފު ފެށިގެން އެސްޓަން ވިލާ އިން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ އަންވަރް އެލް ގާޒީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާ އެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު، 71 ވަނަ މިނެޓުގައި ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ ޖަހައިދިންއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި، މި ހާފުގައި ކުޅެން ނިކުތް ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ކާޓިސް ޖޯންސް ވަނީ ނަތިޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ސައުތެމްޓަންގެ ސެއިންޓް މޭރީސްގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 16 ވަނަ މިނެޓުގައި ގޯލާއި 40 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ ޗެ އެޑަމްސް އެވެ. އުމުރުން 23 އަހަރުގެ އެޑަމްސް ޖެހި މި ގޯލަކީ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެފައެވެ. ނިއުކާސަލްގެ ލަނޑުތައް ޖަހައިދިނީ މިގުއެލް އަލްމިރޯން އާއި ޖޮންޖޯ ޝެލްވޭ އެވެ. އަދި ވެސްޓް ހޭމްގެ ގޯލްތައް ކާމިޔާބުކޮށްދިނީ މިޙާއިލް އެންޓޯނިއޯ އާއި ތޯމަސް ސޫޝެކް އެވެ.