ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ވިޔަރެއާލް އަތުން 4-1 އިން ބާސެލޯނާ މޮޅުވެ ލީގު ކާމިޔާބުކުރުމުގެ އުއްމީދު ބޮޑުކުރިއިރު، ޗެމްޕިއަންކަން ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅޭ ރެއާލް މެޑްރިޑް ވަނީ 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ.
ރޭގެ ނަތީޖާއާއެކު ރެއާލް ވަނީ 34 މެޗުން 77 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ބާސެލޯނާ އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 62 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗުން މަދުން ކުޅެފައިވާ ސެވިއްޔާ އޮތީ 57 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ސާޖީ ރޮބާޓޯ އާއި އެންޓޮއިން ގްރީޒްމަން ވަނީ ހިމަނާފައެވެ.
އެލް މެޑްރިގާލް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ބާސެލޯނާ އިން ލިޑްނެގީ ވިޔަރެއާލްގެ ޕައޫ ޓޮރޭސް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. އޭގެފަހުން، މެޗުގެ 14 ވަނަ މިނެޓުގައި ވިޔަރެއާލްގެ ޖެރަޑް މޮރޭނޯ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އޭގެ ހަ މިނެޓުފަހުން، ބާސެލޯނާ އަށް އަލުން ލީޑްނަގައިދިނީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މިއީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ބާސެލޯނާގެ ފްރާންސް ފޯވާޑް ގްރީޒްމަން ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް މެސީ އެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ފަހު ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް އަންސޫ ފާޓީ އެވެ. މީގެއިތުރުން، މި ހާފުގެ 69 ވަނަ މިނެޓުގައި ބާސެލޯނާގެ މެސީ ކާމިޔާބުކުރި ގޯލެއް ވީއޭއާރް އިން ބެލުމަށްފަހު އެ ޓީމުގެ އާތުރޯ ވިޑާލް އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ގަބޫލެއްނުކުރިއެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ބިލްބާއޯ އަތުން 1-0 އިން ރެއާލް މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ގެޓަފޭ އަތުން މޮޅުވީ ވެސް ރާމޯސް ވައްދާލި ޕެނަލްޓީއަކުންނެވެ.