ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ކެޕްޓަން ސާޖިއޯ ރާމޯސް ޕެނަލްޓީއަކުން ވައްދާލި ގޯލާއެކު 1-0 އިން ގެޓަފޭ ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
ރެއާލަށް ލީޑް ފުޅާކުރުމަށް ފުރުޞަތު ލިބުނީ ލީގުގެ ދެވަނައިގައި އޮތް ބާސެލޯނާ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-2 އިން އެތުލެޓިކޯ މެޑްރިޑާ އެއްވަރުވުމުންނެވެ.
ރޭގެ ނަތީޖާއަށް ފަހު ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ އަށް 59 ޕޮއިންޓް ލިބިފައިވާއިރު، ސެވިއްޔާ އޮތީ 57 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ތެރެއިން، ކަރީމް ބެންޒެމާ އާއި އިސްކޯ އަދި ވިނީޝަސް ޖޫނިއާ ފޮނުވާލި ހަމަލާތައް ގެޓަފޭގެ ގޯލްކީޕަރު ޑޭވިޑް ސޯރިއާ މަތަކުރިއެވެ. މި ހާފުގައި ރެއާލަށް ގޯލެއް ކާމިޔާބުކުރެވިނުވާއިރު، އެ ޓީމުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ.
މި މެޗުގައި ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ރެއާލަށް މާގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. އެގޮތުން، ރޭގެ މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރާމޯސް އެވެ. މިއީ އެ ޓީމުގެ ސްޕެއިން ފުލްބެކް ޑެނީ ކަރްވަހާލް އަށް ގެޓަފޭގެ މަތިއަސް އޮލިވޭރާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
©️?⚽ @SergioRamos – 4️⃣5️⃣0️⃣ @LaLiga matches with @realmadrid!#RMLiga | #HalaMadrid pic.twitter.com/huKtKHxELC
— Real Madrid C.F. ???? (@realmadriden) July 3, 2020
ރޭގެ މެޗަކީ ލީގުގައި ރެއާލަށް ރާމޯސް ކުޅެދިން 450 ވަނަ މެޗެވެ. އޭނާ އަށް ވުރެ އިތުރަށް ރެއާލަށް މެޗު ކުޅެދީފައިވަނީ، ރައުލް ގޮންޒާލޭޒް (550) އާއި މަނޮލޯ ސަންޗީސް (523) އަދި އިކާ ކަސިޔާސް (510)ގެ އިތުރުން ސަންޓިލާނާ (461) އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އޮސަސޫނާ ވަނީ ރަށުން ބޭރުގައި 2-0 އިން އެއިބާ ބަލިކޮށްފައެވެ. ލީގުގެ ހަތްވަނައިގައި އުޅޭ ރެއާލް ސޮސިއެޑާޑް ވަނީ އެންމެ ފުލުގައި އޮތް އެސްޕަންޔޯލް އަތުން 2-1 އިން މޮޅުވެފައެވެ.
ލީގުގައި ރެއާލަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު ރާއްޖޭގަޑިން 17:00 ގައި ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެދުވަހުގެ ރޭ ދަންވަރު 01:00 ގައި ބާސެލޯނާ ރަށުން ބޭރުގައި ނިކުންނާނީ މިވަގުތު ރަނގަޅު ފޯމެއްގައި ވިޔަރެއާލްއާ ދެކޮޅަށެވެ.