English Edition
Dhivehi Edition

ފްރާންސްގެ ވިންގާ އޮސްމާނޭ ޑެމްބެލޭ އަށް އަނިޔާވެ، މި މުބާރާތުގައި ދެން ނުކުޅެވޭނެކަން ކަށަވަރުވުމުން އެ ޓީމުގެ ސްކޮޑުން ބާކީކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ޑެމްބެލޭ އަށް އަނިޔާވީ، މިދިޔަ ހޮނިހިރު ދުވަހު ހަންގޭރީއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެމްބެލޭގެ ކަކުލަށް އަނިޔާވެގެން ވަނީ 30 ވަރަކަށް މިނެޓުފަހުން ބަދަލުކޮށްފައެވެ.

ޑެމްބެލޭ އަށް ލިބުނު އަނިޔާގެ ސީރިއަސްކަން ދެނެގަތުމަށް މެޑިކަލް ޓީމުން ހެދި ޓެސްޓުތަކަށްފަހު އެނގުނީ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރިއަންނަން އަދި މަހެއްހާ ދުވަސް ނަގާނެކަމަށެވެ. އެހެންކަމުން، މިވަގުތަށް އެންމެ މުހިއްމީ ޓީމާ ދުރުގައި އިންޖަރީ އިން ރިކަވާ ވުމަށް މަސައްކަތްކުރުން ކަމަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވެއެވެ.

2017 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން އޭރުގެ ރެކޯޑް އަގެއްކަމަށްވާ 135 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ބާސެލޯނާ އަށް ބަދަލުވި ޑެމްބެލޭ އަށް މީގެކުރީން ވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، ވޭތުވެދިޔަ ހަތަރު ސީޒަނުގައި އަނިޔާގެ ސަބަބުން ގާތްގަނޑަކަށް 86 މެޗު ވަނީ ގެއްލިފައެވެ.

މިއަހަރުގެ ޔޫރޯގައި ފްރާންސް ޓީމުން ވިދާލާނެ ކަމަށް ބެލެވުނު ޑެމްބެލޭ އަށް މި މުބާރާތުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުނު ނަމަވެސް، ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައިވެއެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށްއައިއިރު އެ ޓީމަށް ކުޅުނު 24 މެޗުގައި 4 ލަނޑުޖަހާފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ޑެމްބެލޭ އަށް އަނިޔާވިނަމަވެސް ބަދަލުގައި އެހެން ކުޅުންތެރިއަކު ސްކޮޑަށް އިތުރުކުރުމުގެ ފުރުޞަތެއް ފްރާންސަށް ނެތެވެ. ޔުއެފާގެ ގަވާއިދުގެ ދަށުން މުބާރާތް ފެށުމަށްފަހު ގޯލްކީޕަރަކަށް އަނިޔާވެގެން މެނުވީ އެ ޓީމެއްގެ ސްކޮޑަށް ކުޅުންތެރިއަކު އިތުރުކުރުމުގެ ފުރުޞަތެއްނުލިބެއެވެ.

ފްރާންސް އަށް ދެން އޮތީ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި އަންނަ ބުދަ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗެވެ. ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކުރުމަށްޓަކައި މި މެޗަކީ ދެ ޓީމަށް ވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. މިވަގުތު ގްރޫޕް އެފް ގެ ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ފްރާންސް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޖަރުމަނާއި، ތިންވަނައިގައި އޮތް ޕޯޗުގަލް އަށް ވެސް ތިން ޕޮއިންޓް ލިބިފައިވެއެވެ. އެންމެ ފުލުގައި އޮތް ހަންގޭރީ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.