English Edition
Dhivehi Edition
ބާސެލޯނާއާ ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ލިއޮނަލް މެސީ ވައްދާލި ދެލަނޑާއެކު ވެލެންސިއާ އަތުން 3-2 އިން ހޯދީ މޮޅާއެކު ބާސެލޯނާ އިން ލީގު ރޭހުގައި އުއްމީދު ބޮޑުކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު ބާސެލޯނާ އޮތީ 34 މެޗުން ހޯދީ 74 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ތާވަލްގެ އެއްވަނައިގައި އުޅޭ އެތުލެޓިކޯ މެޑްރިޑަށް 34 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ.

ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު މި ހާފުގައި ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗުގެ ކުރީކޮޅު ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ.

އޭގެފަހުން، އެ ޓީމުގެ ކެޕްޓަން މެސީ އާއި ޑިފެންޑަރު ރޮނަލްޑް އަރައޫހޯ ފޮނުވާލި ހަމަލާތައް ވެލެންސިއާގެ ކީޕަރު ޔެސްޕާ ސިލެސަން މަތަކުރިއިރު ވެލެންސިއާގެ ހޯސޭ ގަޔާ އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ވެލެންސިއާ އިން ކުޅުން ރަނގަޅުކޮށްފައިވާއިރު ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މި ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ވެލެންސިއާގެ ކާލޯސް ސޮލެއާ ނަގައިދިން ކޯނަރަކުން ލަނޑުޖަހައިދިނީ ގެބްރިއެލް ޕައުލިސްޓާ އެވެ.

ރޭގެ މެޗުގައި ވެލެންސިއާގެ ގޯލަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ (ވ) ހިލޭޖެހުމަކުން ބޯޅަ ފޮނުވާލަނީ. –ފޮޓޯ: ޓުވިޓާ

ވެލެންސިއާ އިން ލީޑްނެގިތާ ހަވަނަ މިނެޓުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މެސީ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ވެލެންސިއާގެ ކުޅުންތެރިއަކު ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއަކުން މެސީ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ސިލެސަން މަތަކުރުމުން މެސީ އަށް އެ ބޯޅަ ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ބާސެލޯނާ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ 63 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ހަ މިނެޓުފަހުން މެސީ ވަނީ ބާސެލޯނާގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ ވެލެންސިއާގެ ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުން މެސީ ކާމިޔާބުކުރި ގޯލެކެވެ.

މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ވެލެންސިއާގެ ފަރަގު ކުޑަކޮށްދިނީ ސޮލެއާ އެވެ. މިއީ ބާސެލޯނާގެ ގޯލާއި 35 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ސޮލެއާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ތާވަލްގެ އެންމެ ކުރީގައި އުޅޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 19:15 ގައެވެ.