English Edition
Dhivehi Edition
ރޭގެ މެޗުގައި އޮސަސޫނާ ކޮޅަށް ލަނޑުޖެހުމަށްފަހު އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ލުއިސް ސުއަރޭޒް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ސެލްޓާ ވިގޯ އަތުން 2-1 އިން ބާސެލޯނާ ބަލިވުމުން އެ ޓީމަށް ލީގު ހޯދުމުގެ ފުރުޞަތު ގެއްލިގެންދިޔައިރު، ފަހުވަގުތު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވައްދާލި ލަނޑާއެކު 2-1 އިން އޮސަސޫނާގެ މައްޗަށް ކުރިހޯދައި އެތުލެޓިކޯ މެޑްރިޑުން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު ތާވަލްގެ އެންމެ ކުރީގައި އެތުލެޓިކޯ އޮތީ 37 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން 1-0 އިން އެތުލެޓިކް ބިލްބާއޯ އަތުން ވަނީ މޮޅުވެފައެވެ. އެ ޓީމަށް އަދިވެސް ލީގު ކާމިޔާބުކުރުމުގެ ފުރުޞަތު އެބައޮތެވެ. ރޭގެ މެޗުން ބަލިވި ބާސެލޯނާ އަށް 37 މެޗުން ލިބުނު 76 ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސް ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ލީޑްނަގައިދީފައިވަނިކޮށް އޭގެ 10 މިނެޓުފަހުން ސެލްޓާ އަށް އެއްވަރުކޮށްދިނީ ސަންޓީ މީނާ އެވެ. އަދި މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ކްލެމެންޑް ލެންގްލޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން މައްސަލަތައް ކުރިމަތިވުމުގެ ނަތީޖާއެއްގެ ގޮތުން ސެލްޓާ އިން އޭގެ ފައިދާނަގައި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި 89 ވަނަ މިނެޓުގައި ސަންޓީ މީނާ ކާމިޔާބުކުރި ގޯލުންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގެ ފަހު 15 މިނެޓުގެ ތެރޭގައެވެ. މި މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ކުރީން ލީޑްނެގީ އޮސަސޫނާ އިންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ އަންޓޭ ބުޑިމިއޭ އެވެ.

ރޭގެ މެޗުގައި އެތުލެޓިކޯ އިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ފަހު 8 މިނެޓުގެ ތެރޭގައި ވައްދާލި ދެލަނޑުންނެވެ. އެގޮތުން، އެ ޓީމުން ވަނީ ހަ މިނެޓުގެ ތެރޭގައި ދެލަނޑުޖަހާފައެވެ. އެތުލެޓިކޯ އިން އެއްވަރުކުރީ، މެޗުގެ 82 ވަނަ މިނެޓުގައި ބްރެޒިލް ފުލްބެކް ރެނާން ލޮޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކުރީން ބާސެލޯނާ އަށް ކުޅުނު ފޯވާޑް ސުއަރޭޒް ވަނީ އެތުލެޓިކޯ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލުން ވަނީ ރަށުން ބޭރުގައި 1-0 އިން ބިލްބާއޯ ބަލިކޮށްފައެވެ. މި ސީޒަނަށްފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެ ޓީމު ދޫކޮށްލުމަށް ނިންމާފައިވާކަމަށް މީޑިއާގައި އަޑު ފެތުރިފައިވާއިރު ރޭގެ މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް އެވެ. މިއީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ދިން ބޯޅައަކުން ނަޗޯ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި އަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި އެތުލެޓިކޯ ރަށުން ބޭރުގައި ނިކުންނާނީ ރެލިގޭޝަން ޒޯންގައި އޮތް ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ވަލަޑޮލިޑަށް ރެލިގޭޝަން ސަލާމަތްވުމުގެ ފުރުޞަތު އޮތްއިރު އެތުލެޓިކޯ އަށް އަމިއްލަ ބާރުގައި ލީގު ލިބެން އޮތީ އެ މެޗު ކާމިޔާބުކޮށްގެންނެވެ. ލީގު ރޭހުގައި ދެން ހިމެނޭ ރެއާލަށް އޮތީ ވެސް އުނދަގޫ މެޗެކެވެ. އެ ޓީމުން އަމިއްލަ ދަނޑުގައި ވިޔަރެއާލަށް ނިކުންނައިރު އެތުލެޓިކޯ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ރެއާލަށް ތަށި ލިބުމުގެ ފުރުޞަތު އެބައޮތެވެ.