English Edition
Dhivehi Edition
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 2-0 އިން ހޯދީ މޮޅާއެކު ޗެލްސީން އެ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު ރޭގެ ނަތީޖާއާއެކު ޗެލްސީން ފައިނަލަށް ދަތުރުކުރީ ދެ މެޗުން 3-1 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން ޗެލްސީން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލްގައި ބަޔާން މިއުނިކްގެ ދަނޑުގައި ޗެލްސީ މޮޅުވީ ޕެނަލްޓީޖަހައިގެން 4-3 އިންނެވެ. އޭގެކުރީން، އެ ޓީމު ކުޅުނު ފުރަތަމަ ފައިނަލްގައި 2008 ވަނަ އަހަރު ޗެލްސީ ބަލިވީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

މިއީ ވޭތުވެދިޔަ ތިން ސީޒަނުގެ ތެރޭގައި އިނގިރޭސި ދެ ކްލަބެއް މި މުބާރާތުގެ ފައިނަލްގައި ކުރިމަތިލާ ދެވަނަ ފަހަރެވެ. މީގެކުރީން، 2018/2019 ވަނަ އަހަރުގެ ސީޒަނުގެ މުބާރާތުގައި ލިވަޕޫލުން ވަނީ ޓޮޓެންހަމް ހޮޓްސްޕާގެ މައްޗަށް ކުރިހޯދާފައެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ 28 ވަނަ މިނެޓުގައިޓިމޯ ވާނާ ޖެހި ގޯލުންނެވެ. މިއީ އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު ކާއީ ހާވާޓްޒް ޖެހި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ވާނާ އަށް ލިބުމުން ގޯލް ކުރިމަތީގައި ހުހަށްހުރެ އޭނާ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ވާނާ ޖެހި ގޯލަށް އޮފްސައިޑް ކަމަށް ނިންމާފައިވާއިރު މެޗުގެ ކުރީކޮޅު ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫސް ފޮނުވާލި ހަމަލާތައް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފައެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރީން ބެންޒެމާ އަށް ލިބުނު ފުރުޞަތުގައި ބޮލުން ފޮނުވާލި ބޯޅަ ވެސް މެންޑީ މަތަކުރިއެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޔުއެފާ.ކޮމް

ދެވަނަ ހާފުގެ ކުޅުން ފެށިގެން ޗެލްސީގެ މިޑްފީލްޑަރު ހާވާޓްޒް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް އަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އޭގެފަހުން، ރެއާލްގެ އެޑެން ހަޒާޑް ފޮނުވާލި ބޯޅަ މެންޑީ މަތަކުރިއިރު ޗެލްސީގެ އަވަސް އެޓޭކެއްގައި ވާނާ ތަނަވަސްކުރި ފުރުޞަތަކުން އެންގޯލޯ ކާންޓޭ ފޮނުވާލި ބޯޅަ ރެއާލްގެ އުރުގުއޭ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ވަނީ ބްލޮކްކޮށްފައެވެ.

ޗެލްސީން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މައުންޓް އެވެ. މިއީ އެ ޓީމުގެ ކާންޓޭ މެދުތެރެއިން ހޯދާފައި ދިން ބޯޅައަކުން ކްރިސްޓިއަން ޕުލިސިޗް ޕެނަލްޓީއޭރިޔާ ތެރެއަށް ނަގައިދިން ހުރަހަކުން މައުންޓް ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗާއެކު ރެއާލުން އިނގިރޭސި ކްލަބުތަކާ ދެކޮޅަށް ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ނިންމާލާފައިވަނީ މޮޅެއް ނުހޯދިއެވެ. ރެއާލުން އެންމެ ފަހުން އިނގިރޭސި ކްލަބެއް އަތުން ރަށުން ބޭރުގައި މޮޅުވީ 2014 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލިވަޕޫލް އަތުންނެވެ. އެ މެޗުން 3-0ގެ ނަތީޖާއަކުން ރެއާލް މޮޅުވެފައިވާއިރު އޭގެފަހުން އެ ޓީމު ކުޅުނު ފަސް މެޗުގައި ޖެހިފައިވަނީ އެންމެ ދެ ގޯލެވެ.

މީގެއިތުރުން، މިއީ ޗެލްސީގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޖެހިޖެހިގެން ނިކުންނަ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ބަޔާން އަތުން ބަލިވެ ޕީއެސްޖީ އާއެކު ނާކާމިޔާބީއާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ތުރުކީގެ އިސްތަންބޫލްގައި މި މަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޗެލްސީ ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.