އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ޗެލްސީ އަތުން މެންޗެސްޓާ ސިޓީ ބަލިވުމުން، ކުޅިބަލަން ތިބި ލިވަޕޫލަށް 30 އަހަރުގެ މެދުކެނޑުމަކަށްފަހު ލީގު ޗެމްޕިއަންކަން ލިބިފައިވަނިކޮށް، ރޭގެ މެޗުގައި ސިޓީ އަތުން 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު ބަލިވެއްޖެއެވެ.
މިއީ ލިވަޕޫލް އެންމެ ފަހުން ކުޅުނު 21 މެޗުގެތެރެއިން ބައިކޮޅަށް މިހާ ގިނަ އަދަދެއްގެ ގޯލް ވަތް ފުރަތަމަ މެޗެވެ. އެ ޓީމު އެންމެ ފަހުން މިހާ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކުޅެވުނު އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލްގައި އެސްޓަން ވިލާ އަތުންނެވެ. އެ މެޗަށް ނިކުތް ލިވަޕޫލްގެ ޒުވާން ޓީމު ބަލިވީ 5-0 އިންނެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅޭ ލިވަޕޫލަށް 32 މެޗުން 86 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 20 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސިޓީ އެވެ. ތިންވަނައިގައި 55 ޕޮއިންޓާއެކު ލެސްޓާ ސިޓީ އޮތްއިރު، ޗެލްސީ އޮތީ 54 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން ސިޓީން ވަނީ، ޕްރިމިއާ ލީގުގައި ސަގާފަތެއްގެ ގޮތުން ކުރަމުން އަންނަ ގޮތަށް ލިވަޕޫލުން ޗެމްޕިއަންކަން ހޯދުމުގެ ޝަރަފުގައި “ގާޑް އޮފް އޮނާ” އެއް ދީފައެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއްނަގާފައެވެ. އޭގެކުރީން، މެޗުގެ ކުރީކޮޅު ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އަށް އެ ޓީމަށް ލީޑްނަގައިދިނުމަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ. ސިޓީން ލީޑްނެގީ މެޗުގެ 25 ވަނަ މިނެޓުގައި އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އަށް ލިވަޕޫލްގެ ޖޯ ގޯމޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ކެވިން ޑި ބްރޭނާ އެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.
އޭގެ ފަހުން، މެޗުގެ 35 ވަނަ މިނެޓުގައި އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ތަނަވަސްކުރި ފުރުޞަތަކުން ސްޓާލިން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރީން ޑި ބްރޭނާ ދިން ބޯޅައަކުން ފޯޑެން ވަނީ އިތުރު ލަނޑެއްޖަހައި ސިޓީގެ ލީޑް ފުޅާކޮށްފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ސިޓީން ޖެހި ފަހު ލަނޑަކީ ލިވަޕޫލްގެ އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޝެފީލްޑް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ތާވަލްގެ ހަތްވަނަ އަށް ޖެހިލާފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސެންޑާ ބާޖް އާއި ލީސް މޫސޭ އަދި އޯލީ މެކްބާނީ އެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑުޖަހައިދިނީ ހެރީ ކޭން އެވެ.