އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 4-2 އިން ހޯދީ މުހިއްމު މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ގަދަ ހަތަރެއްގެ ރޭހުގައި އުއްމީދު ބޮޑުކޮށްފިއެވެ.
މިއީ ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ. މީގެއިތުރުން، ރޭގެ މެޗަކީ 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވިފަހުން ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ ނަތީޖާއާއެކު ޔުނައިޓެޑް އަދިވެސް އޮތީ ދެވަނައިގައެވެ. އެ ޓީމަށް 36 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު އޭގެ ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. ގަދަ ހަތަރެއްގެ ރޭހުގައި ދެން ހިމެނޭ ޗެލްސީ ކުޅުނު މެޗުން އާސެނަލް އަތުން ބަލިވެ އެ ޓީމު އޮތީ 36 މެޗުން ހޯދީ 64 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެއް މެޗު މަދުން ކުޅެގެން ލިވަޕޫލް އޮތީ 60 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 10 ވަނަ މިނެޓުގައި ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ލިވަޕޫލްގެ ޑިފެންޑަރު ނަތަނިއަލް ފިލިޕްސް ފައިގައި ޖެހިފައެވެ.
ލިވަޕޫލުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 34 ވަނަ މިނެޓުގައި ޑިއޯގޯ ޔޮޓާ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. އޭގެކުރީން، ޕެނަލްޓީއޭރިޔާތެރެއިން ލިވަޕޫލްގެ ޑިފެންޑަރު ފިލިޕްސް އަށް ޔުނައިޓެޑްގެ އެރިކް ބައީ ފައުލްކުރިކަމަށް ނިންމައި ޕެނަލްޓީއެއް ދޭން ނިންމިއެވެ. އެކަމަކު ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިވަޕޫލަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ދިން ބޯޅައަކުން ފިރްމީނޯ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ފިރްމީނޯ ވަނީ އިތުރު ލަނޑެއްޖަހައި ލިވަޕޫލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ވަނީ މި ހާފުގައި ކުޅެން ނިކުތް އެޑިންސަން ކަވާނީ ދިން ބޯޅައަކުން ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެފަހުން ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އަށް ލިބުނު ދެ ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު ފެނާންޑޭސް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
ލިވަޕޫލަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ލިވަޕޫލްގެ އަވަސް އެޓޭކެއްގައި އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް އަމިއްލަ ހާފުގެ ތެރެއިން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީއޭރިޔާތެރެއަށް ވަދެ ސަލާހު ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ ރަންބޫޓަށް ވާދަކުރާ ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅޭ ހެރީ ކޭންއާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ލީގުގައި 21 ލަނޑުޖަހާފައެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި މިހާރު ރެލިގޭޓްވެފައިވާ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ދެ ދުވަސް ފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނިކުންނާނީ ދާދިފަހުން ރެލިގޭޓްވި ފުލަމްއާ ދެކޮޅަށެވެ.