English Edition
Dhivehi Edition

އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެމުން އަންނަ ކޮމިއުނިޓީ ޝީލްޑް މެޗުގައި 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ލެސްޓާ ސިޓީން އެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއީ ލެސްޓާ އިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1971 ވަނަ އަހަރު ލިވަޕޫލް ބަލިކޮށްފައެވެ.

ލެސްޓާ އިން މިރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ސެންޓްރަލް ޑިފެންޑަރު ވެސްލީ ފޮފާނާ ނުކުޅެއެވެ. ސިޓީން މި މެޗަށް ނިކުތީ ކެވިން ޑި ބްރޭނާ އާއި ރަހީމް ސްޓާލިން އަދި ފިލް ފޯޑެންގެ ބަދަލުގައި ޒުވާން ކުޅުންތެރިން ކަމަށްވާ ކެވިން ޕަލްމާ އާއި ސޭމް އެޑޯޒީ އަށް ފުރުޞަތުދީގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ސިޓީ އަށް ލީޑްނަގައިދޭން ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގަން އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ހިލޭޖެހުމަކުން ގުންޑޮގަން ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް މަތަކުރިއިރު، ވިންގަށް ކުޅެމުންދިޔަ އެޑޯޒީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. ލެސްޓާގެ އަބަދަށްފެހި ފޯވާޑް ޖެމީ ވާޑީ އަށް ލިބުނު ފުރުޞަތުގައި ގޯލާއި 12 ޔާޑު ކައިރިން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ޒެކް ސްޓެފެން މަތަކުރިއެވެ.

ލެސްޓާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިހެނާޗޯ އެވެ. ލެސްޓާގެ ފޯވާޑް އިހެނާޗޯ އަށް ޕެނަލްޓީއޭރިޔާތެރެއިން ސިޓީގެ ނެދަލެންޑްސް ޑިފެންޑަރު ނޭތަން އަކޭ ކުރި ފައުލަކަށް، ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.