English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރޭ ބައްދަލުކުރި މެޗުގައި އިނގިރޭސި ދެ ކްލަބުގެ ކުރިމަތިލުން ޗެލްސީން 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައިފިއެވެ.

މިއީ އެ ކްލަބުގެ ތާރީޚުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ދެވަނަ ފަހަރެވެ. މީގެކުރީން، 2012 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީޖަހައިގެން 4-3 އިން ބަޔާން މިއުނިކް އަތުން މޮޅުވެފައިވާއިރު އޭގެކުރީން 2008 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ވަނީ ބަލިވެފައެވެ.

ޗެލްސީން އެންމެ ފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މުގުލުގައި ހުރީ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި ކޯޗު ރޮބާޓޯ ޑި މަޓެއޯ އެވެ. ހަމައެގޮތަށް، އެ ޓީމުން މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ލީގުގެ މެދުތެރެއިން ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ.

ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރަގާއޯގައި ރޭ ކުޅެވުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ޖަހައިދިނީ ކާއީ ހަވާޓްޒް އެވެ. މިއީ އެ ޓީމުގެ އަރަމުން އަންނަ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ދިން ބޯޅައަކުން ހަވާޓްޒް ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނަށް ޗެލްސީ އަށް ބޮޑު އަގެއްގައި ގެނައި ހަވާޓްޒް ކުޅުނު 45 މެޗުގައި ޖެހި ނުވަވަނަ ލަނޑެވެ.

ޕެޕް ގާޑިއޯލާގެ ސިޓީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތަށް އިތުރަށް ހުރަސްއެޅުނީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި އެ ޓީމުގެ ބެލްޖިއަމް ތަރި ކެވިން ޑިބްރޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަންޖެހުމުންނެވެ. އޭނާގެ ބަދަލުގައި ގެބްރިއެލް ޖެސޫސް ކުޅެން ނިކުމެފައިވާއިރު މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަށް ވެސް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުގައި ސިޓީ އަށް ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ އަލްޖީރިއާ ވިންގާ ރިޔާދް މާރޭޒް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިމަތިންދިޔައިރު މި މެޗުގައި ޗެލްސީގެ ލީޑްފުޅާކުރުމަށް އެ ޓީމުގެ ޖަރުމަނު ފޯވާޑް ޓީމޯ ވާނާ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ރޭގެ މެޗަކީ މި ސީޒަނުގައި ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ އަތުން ސިޓީ ބަލިވި ތިންވަނަ ފަހަރެވެ. މި ފަހަރުގެ އެފްއޭކަޕް ސެމީ ފައިނަލްގައި 1-0 އިން ސިޓީ އަތުން މޮޅުވިއިރު، ޕްރިމިއާ ލީގުގައި ސިޓީގެ ދަނޑުގައި އެ ޓީމު މޮޅުވީ 2-1 އިންނެވެ.