އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ވައްދާލި ލަނޑާއެކު ވެސްޓް ބްރޮމް ބަލިކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފިއެވެ. ލިވަޕޫލުން މި މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.
މި ނަތީޖާއާއެކު ލިވަޕޫލުން ވަނީ ގަދަ ހަތަރަކާ ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ. ލިވަޕޫލަށް ކުޅުނު 36 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު އޭގެ އެއް ޕޮއިންޓް ކުރީގައި ހަތަރުވަނައިގައި އޮތީ ޗެލްސީ އެވެ. ތިންވަނައިގައި އޮތް ލެސްޓާ އަށް 36 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ލީގުގެ އެންމެ ކުރީގައި 36 މެޗުން ހޯދީ 83 ޕޮއިންޓާއެކު ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތްއިރު އޭގެ 13 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.
ވެސްޓް ބްރޮމްގެ ހޯތޯންސްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މަތެއުސް ޕެރޭރާ ތަނަވަސްކުރި ފުރުޞަތަކުން މިލަނޑު ވެސްޓް ބްރޮމް އަށް ޖަހައިދިނީ ވޭލްސްގެ ފޯވާޑް ހަލް ރޮބްސަން-ކާނޫ އެވެ.
ލިވަޕޫލުން އެއްވަރުކުރި ލަނޑު، މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ ޖައްސާލި ޕާހަކުން ސަލާހު ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ގޯލާއެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅޭ އިނގިރޭސި ފޯވާޑް ހެރީ ކޭންއާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިންވެސް ޖަހާފައިވަނީ 22 ގޯލެވެ.
އޭގެ ދެ މިނެޓުފަހުން ލިވަޕޫލަށް ލީޑްނަގައިދިނުމަށް އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ފިރްމީނޯ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމުގެ މިޑްފީލްޑަރު ފަބީނިއޯ ފޮނުވާލި ބޯޅަ ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯން މަތަކުރިއެވެ. އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގައި ވެސްޓް ބްރޮމްގެ ޕެރޭރާ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބިފައިވާއިރު މެޗުގެ 70 ވަނަ މިނެޓުގައި ވެސްޓް ބްރޮމްގެ ކެޕްޓަން ކައިލް ބާޓްލީ ގޯލެއް ކާމިޔާބުކުރިއެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ މި ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ ބާޓްލީ މި ބޯޅަ ފޮނުވާލިއިރު އެ ޓީމުގެ މެޓް ފިލިޕްސް ލިވަޕޫލްގެ ކީޕަރު އެލިސަން އަށް ހުރަސްއެޅިކަމަށް ބަލާފައެވެ.
މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިވަޕޫލް މޮޅުކޮށްދިން ލަނޑުޖަހައިދިނީ އެލިސަން އެވެ. މިއީ އެ ޓީމުގެ ޒުވާން ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް އެލިސަން ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއާއެކު އެލިސަން ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި މިހާތަނަށް ލަނޑުޖެހި ހަވަނަ ގޯލްކީޕަރުގެ ޝަރަފު ހޯދާފައެވެ. މީގެއިތުރުން، ލިވަޕޫލަށް ލީގުގައި ލަނޑުޖަހައިދިން ހަމައެކަނި ގޯލްކީޕަރަކީ ވެސް އޭނާ އެވެ.
ލިވަޕޫލަށް ދެން އޮތީ އަންނަ ބުދަ ދުވަހު ރަށުން ބޭރުގައި ބާންލޭއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ކުޅޭ އެންމެ ވަރުގަދަ މެޗުގައި ގަދަ ހަތަރެއްގެ ރޭހުގައި ހިމެނޭ ޗެލްސީ ނިކުންނާނީ ލެސްޓާއާ ދެކޮޅަށެވެ. އެންމެ ފަހުގެ އެފްއޭކަޕް ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ ލެސްޓާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ތާވަލްގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބަލިވެފައެވެ. މިއާއެކު ޔޫރަޕްގެ ޖާގައަކަށް ވާދަކުރަމުން އަންނަ އެވަޓަންގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. ރޭގެ މެޗުގައި ޝެފީލްޑް އިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ޑެނިއެލް ޖެބިސަން އެވެ.
މި ގޯލާއެކު ޖެބިސަން ވަނީ ލީގުގެ މެޗެއްގައި ފުރަތަމަ އެގާރައިގައި އަލަށް ހިމެނިގެން ކުޅުނު މެޗެއްގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ލަނޑުޖެހިއިރު ޖެބިސަންގެ އުމުރަކީ 17 އަހަރާއި 309 ދުވަހެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 2-0 އިން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކޭން އާއި ޕިއޭރް-އެމީލް ހޮއިބިއޭ އެވެ. ކްރިސްޓަލް ޕެލަސް ވަނީ 3-2 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ.