English Edition
Dhivehi Edition

ސްޕެއިނުގެ ރެއާލް މެޑްރިޑްގެ މޮރޮކޯ ފުލްބެކް އަޝްރަފް ހަކީމީ, އިންޓަ މިލާނަށް ބަދަލުވެއްޖެއެވެ.

އުމުރުން 21 އަހަރުގެ ހަކީމީ އިއްޔެގެ ވަގުތެއްގައި އިންޓަގެ މެޑިކަލް ބައިވެރިވެ، 40 މިލިއަން ޔޫރޯ (36 މިލިއަން ޕައުންޑް)ގެ ޓްރާންސްފާ ފީ އަކަށް އެ ކްލަބަށް ބަދަލުވެ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަކީމީގެ ޓްރާންސްފާއާ ގުޅޭގޮތުން ރެއާލުން ނެރުނު ބަޔާނެއްގައި، ޝުކުރު އަދާކުރުމަށްފަހު އޭނާގެ ކެރިއަރުގައި ކުރިއަށް އޮތް ޗެޕްޓާ އަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވާކަމަށް ބުނެފައިވެއެވެ.

ރެއާލްގެ ޔޫތު ޓީމާއި 2006 ވަނަ އަހަރު ގުޅުނު ހަކީމީ ވަނީ އެ ކްލަބުގެ އެކި އުމުރުފުރާގެ ޓީމުތަކަށް ކުޅެފައެވެ. އޭނާ ރެއާލްގެ ސީނިއާ ޓީމުން 2017 ވަނަ އަހަރު ޖާގަ ހޯދާފައިވާއިރު، ވޭތުވެދިޔަ ދެ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އައިސްފައިވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ.

ފުލްބެކްގެ ދެފަރާތަށާއި މިޑްފީލްޑަށް ކުޅުމުގެ ގާބިލްކަން ހުރި ހަކީމީ ވަނީ ޑޯޓްމަންޑަށް ކުޅުނު 70 މެޗުގައި 12 ލަނޑުޖަހާފައެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ރެއާލް އާއެކު ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ސުޕަ ކަޕާއި، ފީފާ ކްލަބް ވޯލްޑްކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕް އެއްފަހަރު ކާމިޔާބުކޮށްފައިވާއިރު، ޑޯޓްމަންޑާއެކު ޖަރުމަން ސުޕަ ކަޕް އެއްފަހަރު ހޯދާފައިވެއެވެ. ރެއާލަށް އޭނާ ކުޅެދީފައިވަނީ އެންމެ 17 މެޗެވެ.