English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިސް އިދާރާގައި އާރޓިފިޝަލް ބީޗަކާއި، ސުވިމިން ޕޫލެއްގެ އިތުރުން ހެޔޮވަރު ސްޕާއެއްވެސް ހެދިދާނެކަމަށް އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގާ އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް މަޖިލީހުގެ ސޯޝިއަލް ކްލަބުން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އިއްޔެ ބޭއްވި ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލިހުގެ ސޯޝަލް ކުލަބުގެ ފަރާތުން ހިންގާ މަޖިލިހުގެ ރެސްޓޯރެންޓު ހުންނާނީ މަޖިލިހުގެ އައު އިމާރާތުގެ ޓެރެހުގައި ކަމަށެވެ، އަދި އެ ކްލަބުން މަޖިލިހުގެ އައު އިމާރާތުގައި ޖިމެއް ޤާއިމުކުރުމަށްވެސް ނިންމާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ މަޖިލިސް އިދާރާގައި ހުޅުވާ ރެސްޓޯރަންޓު ހުޅުވުމަށް ފަހު ދާއިރާ ރައްޔިތުންނާއި އެކު ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދައްކާލަ “ކޮފީ ބޯލަން” އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު މަޖިލީހުގެ މަސައްކަތްތަކަށް ފާޑުކިޔަމުންދާ މި ދަނޑިވަޅު އަލްހާން ވިދާޅުވީ ތިލަފަތަށް އެޅި ވޯޓު ވަގަށް ނަގައިގެން ކުޑަހުއްތު ބޮޑުވަޒީީރަކަށް ވުމުގެ ވިސްނުމަކީވެސް އޮތް ވިސްނުމެއްކަމަށެވެ. “ތިލަފަތަށް އެޅި ވޯޓު ވަގަށް ނަގައިގެން ކުޑަހުއްތު ބޮޑުވަޒީީރަކަށް ވުމުގެ ވިސްނުމަކީވެސް އޮތް ވިސްނުމެއް! އަމިއްލަފުޅު ކަމެއް ނޫންތޯ؟ އަޅުގަނޑު އެދެނީ މަޖްލިސް ގޭގައި އާރޓިފިޝަލް ބީޗަކާ، ސުވިމިން ޕޫލެއްވެސް ހަދަން! އަދި ހެޔޮވަރު ސްޕާއެއްވެސް ހެދިދާނެ!” އަލްހާން ފަހްމީ ވިދާޅުވިއެވެ.