މަޖިލީހުން ފާސްކުރާ ބަޖެޓަކީ ދައުލަތުން އަމަލުކުރަން މަޖުބޫރު ގާނޫނެއްކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވީ ފ.މަގޫދޫ ގައި އެމްޑީޕީ ކޯލިޝަން ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންގެ މަޖިލީހަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ހޯމަ ދުވަހު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
“ދައުލަތުގެ ފައިސާއިން ހަތްދިހަ ޕަސަންޓު ފައިސާ މިހާރު ހޭދަކުރެވިފައިވަނީ. ކުއްލިއަކަށް ސަރުކާރު ބަދަލުވެގެން އެއާޕޯޓު ހުއްޓާލާފަ ކައިރީ އެހެން ދާއިރާއެއްގަ ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ކުރިމަތިލައްވައިގެން އުޅުއްވާތީގެ އެތަނަށް އެއާޕޯޓުބަދަލުކުރީ,” -އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)-
ވަހީދު ވިދާޅުވީ ދައުލަތުގެ މުދަލަށް ހިތު ހުރިހާގޮތެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބިލައްވާ ބާރެއް ނޫންކަމަށެވެ.
މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ފެށީ ވަނީ ނަގުދު ފައިސާ ލިބިގެންކަމަށް ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރުގެ ގަރާރުގައި ފާހަގަ ކުރައްވަފައިވެއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. އެ އެއާޕޯޓުގެ މަސައްކަތް ކެންސަލް ކުރީ ކްރޮސް ސަބްސިޑީގެ އުސޫލުން 22 މިލިއަން ޑޮލަރު އެއާޕޯޓަށް ހަމަޖެހިފައި އޮއްވައެވެ.
އެއާޕޯޓުގެ މައްސައްކަތް ކެންސަލްކުރުމުން އެރަށުގައި ވަނީ މުޒާހަރާތަކެއް ވެސް ކޮށްފައެވެ.