ސަރުކާރުން ރައްޔިތުންނަށް ކޮށްދެން ބޭނުންވާ ކަންކަމަށް މަޖިލީހުގެ ތެރެއިން ހުރަސް އަޅަމުން އަނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވެރިކަމަށް ވަޑައިގަތުމަށް ވެލެއްވި ވައުދުތައް ފުއްދުމަށް 200 އަށްވުރެ ގިނަ ބިލު މަޖިލީހަށް ހުށަހަޅާއި އެ ބިލުތައް ގާނޫނަށް ހަދަން ޖެހޭކަމަށެވެ.
“މަޖިލީހުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިއަހަރު އެ މަނިކުފާނު ފަށަން ގަސްދުކުރެއްވި ބައެއް މަޝްރޫއުތައް ބަޖެޓް ހަމަނުޖެހުމުން ނުފެށޭ,” – ރައީސް މުއިއްޒު-
ރައީސް ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ނުލިބިއްޖެނަމަ އެމަނިކުފާނުގެ ވައުދުތައް ނުދޭނެކަމަށެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ ތެރެއިން މިހާރު ވެސް ދަނީ ސަރުކާރުން، ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަމަށް ހުރަސް އަޅަމުން ކަމަށެވެ. އެފަދަ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، އެ މަނިކުފާނު، ރައްޔިތުންގެ ކުރިއެރުމަށް ކުރަން ނިންމަވާފައިވާ އެއްވެސް ކަމެއް ނުކޮށްދެއްވޭނެ ކަމަށް ވިދާޅުވި. އެހެންކަމުން އެކަމަށް ފުންކޮށް ވިސްނުމަށްފަހު މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށާއި އެ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 527 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އެ ސަރުކާރުގެ މަސައްކަތް ހުއްޓާނީ އެ މަނިކުފާނު ކަމަށާއި ނަމަވެސް ހަގީގަތަކީ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓިފައި ވަނީ އެމްޑީޕީ ސަރުކާރުން، ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިނުވާތީކަމަށެވެ. މި ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ހަވާލުކޮށް، އަލުން މަޝްރޫއުތަކުގެ މަސައްކަތް ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ, މި ސަރުކާރުން ޤައުމު ހިންގާނީ ޕަބްލިކް އެކައުންޓް އޯވަރޑްރޯ ނުވަތަ ފައިސާ ޗާޕުނުކޮށްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އިޤްތިސާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށެވެ. އެހެންވެ، އިޤްތިސާދުގެ ކަންކަން ކުރިއަށްގެންދިއުމުގައި އެންމެ ބޮޑަށް ވިސްނުންފުޅު ގެންގުޅުއްވާނީ ރައްޔިތުންގެ ހެވާއި ލާބަޔަށް ބައްލަވައިގެން ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 40 އަހަރު ތެރޭގައި ޖުމްލަ 6 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު، އެމްޑީޕީ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް. މީގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލިގެންދިޔަ ކަމަށާއި އެހެންވެ، މި ސަރުކާރުގެ އެންމެ މުހިންމު އަސާސަކަށްވީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުން މި ސަރުކާރުން ހުއްޓާލާފައިވާއިރު އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ބަލައިގަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފައިސާ ޗާޕުނުކޮށް، ދައުލަތަށް ލިބޭ އާމްދަނީން އިޤްތިސާދު މެނޭޖު ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޕްރައިމަރީ ބެލެންސް 1.6 ބިލިއަން ރުފިޔާގެ ދަރަނީގައި އޮތްއިރު މިއަހަރުގެ މިހާތަނަށް އެ އަދަދު 134 މިލިއަން ރުފިޔާގެ އަރަންޏަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ ލޯނުތައް ދެއްކުމަށް އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ދެ މިލިއަން ޑޮލަރު ހުރިއިރު މިހާރު އެ ފަންޑުގައި 35 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެ އަދަދު މިއަހަރު ނިމޭއިރު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މިހާތަނަށް 1.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުންދާއިރު އެ ހުރިހާ މަޝްރޫއަކީ ވެސް ލޯނު ނުނަގައި، ފައިސާ ޗާޕުނުކޮށް ކުރިއަށްގެންދާ މަޝްރޫއުތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.