English Edition
Dhivehi Edition

ނިއު ނޯމަލް ގައި ސްކޫލްތައް މިއަދު ހުޅުވާލާއިރު ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަންގެ ފަރާތުން އައްޑޫގެ ސްކޫލްތަކުގެ ސްޓާފުންނަށް ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

ސްކީމުން މާސްކް ހަދިޔާ ކޮށްފައިވަނީ އައްޑޫގެ ކޮންމެ ރަށަކުން އެއް ސްކޫލަކަށާއި އަދި އެންމެ އާބާދީ ބޮޑު ހިތަދޫ އިން 2 ސްކޫލަކަށެވެ. މިއީ ސްކީމްގެ އައްޑޫ ޗެޕްޓަރ އިން އިސްނަގައިގެން އަމިއްލައަށް ކޮށްފައިވާ ވޮލެންޓްރީ މަސައްކަތެކެވެ.

މާސްކު ހަވާލުކުރުމުގެ އިތުރުން ސްކީމުން ވަނީ ސްކޫލްތަކާއި ގުޅިގެން ދަރިވަރުން އަދި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން އޮންލައިން ނިއު ނޯމަލް އަށް އަހުލުވުރިކުރުވުމަށް ވެބިނާރ ފަދަ ޕްރޮގްރާމުތައް ބޭއްވުމަށް ވެސް ސްކޫލްތަކާ މަޝްވަރާކޮށްފައެވެ.

ސްކީމުގެ އައްޑޫޗެޕްޓަރ އިން އައްޑޫގެ ސްކޫލްތަކަށް މާސްކު ހަދިޔާކޮށްފައިވާއިރު ގދ. އަތޮޅު ޗެޕްޓަރ އިން ވެސް ވަނީ މާލެއިން އެއަތޮޅުގެ ތިނަދޫ އަށް ހޯމްކަރަންޓީނަށް ފޮނުވި ފަރާތްތަކަށް ވެސް މާސްކު ހަދިޔާކޮށް މާސްކު އެޅުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން އެފަރާތްތަކަށް މައުލޫމާތު ދީފައެވެ. ހަމައެއާއެކު ތިނަދޫގައި ހުންނަ ބިޒްނަސް ސެންޓަރ ގެ މުވައްޒަފުންނަށް ވެސް ސްކީމުގެ ގދ. ޗެޕްޓަރ އިން ވަނީ މާސްކު ހަދިޔާ ކޮށްފައެވެ.

ސްކީމަކީ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ސަރަހައްދީ ޖަމިއްޔާއެކެވެ.