English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

ސަރުކާރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު ޖުލައި 02 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވައި، މި މުއްދަތުގައި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 21 ވަނަ ނަންބަރު ދެންނެވުމުގައެވެ.

މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު، އާންމުކޮށް ހުޅުވައިނުލިނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ދިނުމަށް ވަނީ އަންގަވާފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން ޚިދުމަތެއް ދޭން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދިނުމަށް ވަނީ އަންގަވާފައެވެ.

އަދި ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ޚިދުމަތްތައް ދޭނީ އެ އޮފީހަކުން ދެއްވާ ޚިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އޮފީހަކުން ހުށަހެޅުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެއްވެން ހުރި ޚިދުމަތްތައް ގޭގައި ތިއްބަވައިގެން ދެއްވުމަށާއި، އޮންލައިންކޮށް ދެއްވެން ހުރި ޚިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.