English Edition
Dhivehi Edition
15 އޭޕްޜީލް 2020 ވަނަ ދުވަހު މާލެތެރެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވުމާ ގުޅިގެން އެންއީއޯސީ ގައި ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސް - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކުރުމަށް ނިންމަވައިފި އެވެ. އެކަން ހާމަކުރައްވައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ސޮއިކުރައްވާފައިވާ ޤަރާރެއް މިއަދު ވަނީ ނެރުއްވައިފަ އެވެ.

އެ ޤަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މާރިޗު 12 ވަނަ ދުވަހު އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާޓެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މާރިޗު 12 އިން ފެށިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށްވެސް އެޤަރާރުގައި ވެއެވެ.

އެންމެ ފަހުން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދުގެ ނިޔަލަށް ނިމުމަކަށް އަންނާނެ އެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާއިރު، ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ އެވެ. އަދި މި ބަދަލާއިއެކު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.