English Edition
Dhivehi Edition
އައު އާންމު ހާލަތުގައި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ވަމުންގެންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް މިނިސްޓަރ ހިރިޔާ ސްކޫލަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: އެޑިޔުކޭޝަން

އައު އާންމު ޙާލަތަށް ސްކޫލްތައް ހުޅުވުމަށް ވަމުން ގެންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ، ޑރ. ޢާއިޝަތު ޢަލީ އާއި އެ މިނިސްޓްރީގެ ޓީމެއް މިއަދު މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ޒިޔާރަތްކުރައްވައިފި އެވެ.

އެގޮތުން އެޑިޔުކޭޝަނުން މިއަދު ޒިޔާރަތްކުރެއްވި ސްކޫލްތަކަކީ މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ސީއެޗްއެސްއީ، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާއިރު، ސްކޫލް މާހައލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަންޖެހޭ ތަކެތި ސްކޫލްތަކަށް މިނިސްޓްރީން ފޮނުވަމުންދާ ކަމަށެވެ. އަދި އެތަކެތި ގިނަ ސްކޫލްތަކަށް މިހާރު ލިބިފައިވާ ކަމަށާއި، ސްކޫލްތަކުގައި ޤާއިމްކުރަން ޖެހޭ ހޭންޑްވޮޝިންގ ސްޓޭޝަންތައް މިހާޜު ހަދަމުންދާއިރު، ސްކޫލްތައް ހުޅުވެންވާއިރު ހުރިހާ ސްކޫލެއްގައި ޤާއިމްކޮށް ނިމެނޭ ކަމަށެވެ.

ސްކޫލް މާހައުލުގައި ޖިސްމާނީ ގައިދުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ ގޭޓްތައް ކައިރީ އަދި ކޮރިޑޯތަކުގައި ގައިދުރުކަން ފާހަގަތައް ލެވިފައިވާ ކަމަށާއި، ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓިފައިވާނެ ކަމަށްވެސް އެޑިޔުކޭޝަނުން ބުންޏެވެ.

ޖުލައި އެއްވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވާލާއިރު، މާލެ ސަރަޙައްދުގެ ސްކޫލްތައް ހުޅުވޭނީ ގްރޭޑް 09 އަކުން މަތީގެ ދަރިވަރުންނަށް ކަމަށްވާއިރު، ކޮވިޑް-19 ނެތް ރަށް ރަށުގައި ގްރޭޑް 01 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވޭނެއެވެ.