English Edition
Dhivehi Edition
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް، 14 އޭޕްރީލް 2020 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބައްދަލުވުމެއްގައި - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކުރުމަށް ނިންމަވައިފި އެވެ. އެކަން ހާމަކުރައްވައި ހެލްތު މިނިސްޓަރ، އަޙްމަދު ނަސީމް ސޮއިކުރައްވާފައިވާ ޤަރާރެއް މިއަދު ވަނީ ނެރުއްވައިފަ އެވެ.

އެ ޤަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މާރިޗު 12 ވަނަ ދުވަހު އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މާރިޗު 12 އިން ފެށިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، 2021 ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށްވެސް އެޤަރާރުގައި ވެއެވެ.

އެންމެ ފަހުން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމޭނީ މިއަދުގެ ނިޔަލަށެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 3،832 ސާމްޕަލް ނަގާފައިވެއެވެ. އަދި މިހާތަނަށް 66،516 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 43،959 މީހެކެވެ. މީގެ އިތުރުން މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ 22،375 ބަލިމީހަކު ތިބިއިރު، ހޮސްޕިޓަލްތަކުގައި 213 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.