English Edition
Dhivehi Edition
ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އާސެނަލް އާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ވެސް އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޝެފީލްޑް ޔުނައިޓެޑް އަތުން ރަށުން ބޭރުގައި އާސެނަލް 2-1 އިން މޮޅުވިއިރު، ލެސްޓާ ސިޓީގެ ދަނޑުގައި އެ ޓީމު އަތުން ޗެލްސީ މޮޅުވީ 1-0 އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ވަނީ 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.

ޝެފީލްޑްގެ ބްރަމަލް ލޭންގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އާސެނަލަށް ލީޑްނަގައިދިނީ ނިކޮލަސް ޕެޕޭ އެވެ. މިއީ އެ ޓީމުގެ އަލެކްސެންޑާ ލަކަޒޭ އަށް ޝެފީލްޑްގެ ކްރިސް ބަޝާމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ރޭގެ މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، އާސެނަލްގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޝެފީލްޑްގެ ޑޭވިޑް މެކްގޯލްޑްރިކް ނަތީޖާ ހަމަހަމަކުރިނަމަވެސް، މެޗުގެ އިތުރުވަގުތުގައި އާސެނަލަށް ސެމީން ޖާގަ ކަށަވަރުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ޑެނީ ސެބަޔޯސް އެވެ. މިއީ ޝެފީލްޑްގެ އިތުބާރު ކީޕަރު ޑީން ހެންޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވަރަށް ހަނި އޭންގަލަކުން ސެބަޔޯސް ކާމިޔާބުކުރި ރީތި ގޯލެކެވެ.

ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އިތުބާރު މިޑްފީލްޑަރު ޖޭމްސް މެޑިސަން އަށް ނުކުޅެވުމެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާ އިން ގިނަވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް، ޗެލްސީގެ ގޯލަށް ނުރައްކާކުރެވިފައެއްނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މިވަގުތު ޕްރިމިއާ ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ޗެލްސީން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 18 ވަރަކަށް މިނެޓުގެ ތެރޭގައި އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ ކާމިޔާބުކުރި ލަނޑުން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: އޭޕީ

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ރޭ ކުޅުނު މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސިޓީން ލީޑްނެގީ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް އަށް ނިއުކާސަލްގެ ފަބިއެން ޝާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ރޭގެ މެޗުގައި ނިއުކާސަލްގެ އެންޑީ ކެރޯލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އޭނާ ވަނީ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ބާރުބޮޑުކޮށްފައެވެ. އެހެންނަމަވެސް، އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކެރޯލްގެ ބަދަލުގައި ކުޅެން ނިކުތް ޑްވައިޓް ގޭލް ކުޑައޭރިޔާގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. ސިޓީން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. މިއީ މި ސީޒަނުގައި ސްޓާލިން ޖެހި 21 ވަނަ ގޯލެވެ.

ރޭގެ މެޗުތަކަށްފަހު އެފްއޭކަޕްގެ ސެމީ ފައިނަލުގެ ގުރުއަތުލުން ބޭއްވިގެންދިޔައިރު، މިދިޔަ ހޮނިހިރު ދުވަހު ކުޅެވުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގެ އިތުރުވަގުތުގައި ނޯވިޗް ސިޓީ އަތުން 2-1 އިން މޮޅުވި ޔުނައިޓެޑް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާސެނަލް ނިކުންނާނީ އޭނާގެ ކުރީގެ ކްލަބު ސިޓީއާ ދެކޮޅަށެވެ. މި މުބާރާތުގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 18 އާއި 19 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މިއީ މި މުބާރާތުގެ ސެމީ ފައިނަލުގައި އާސެނަލް ކުޅޭނެ 30 ވަނަ ފަހަރެވެ. އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަކީ މި މުބާރާތުގެ ސެމީ ފައިނަލަށް މިހާތަނަށް އެންމެ ގިނައިން ދަތުރުކުރި ދެ ޓީމެވެ. މީގެއިތުރުން، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް މި ދެ ޓީމެވެ. އާސެނަލުން މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާއިރު، ޔުނައިޓެޑް ވަނީ 12 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.